Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ކައުންސިލާއި އިރުޝާދިއްޔާ އެއްބަސްވުމަކަށް

އައްޑޫ ސިޓީ ކައުންސިލާއި މަރަދޫ އިރުޝާދިއްޔާ ސްކޫލާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ ދަސްވާރު ޕްރޮގްރާމާއި ކައުންސިލްގެ އިންޓަންޝިޕްގެ ޕްރޮގްރާމްގެ ދަށުން މިއަދު ސޮއި ކުރި އެމްޔޫގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

އިރުޝާދިއްޔާ ސްކޫލްގެ ފަރާތުން ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނާސިރެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އިރުޝާދިއްޔާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، އެ ސްކޫލްގައި ދަސްވާރު ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުން ކައުންސިލް އޮފީސްތަކުގައި އިދާރީ ހިންގުމުގެ ތަޖުރިބާ ވަކި މުއްދަތަަކަށް ހޯދާނެ ކަމަށެވެ.

ޕްރޮގްރާމް ކުރިއަށްދާ އިރު، ތަޖުރިބާ ހޯދަން އޮފީސްތަކުގައި މަސައްކަތް ކުރާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދީ، އެ މީހުން މޮނިޓަ ކުރަން ހާއްސަ މީހަކު އޮފީސްތަކުން ކަނޑައަޅާފައި ހުންނާނެ އެވެ.

ގްރޭޑް 7-10 އަށް ކިޔަވައިދޭ އިރުޝާދިއްޔާ ސްކޫލްކީ އައްޑޫ ސިޓީ ކައުންސިލާ އެކު އެމްއޯޔޫ ހެދި ދެވަނަ ސްކޫލެވެ.

ކައުންސިލުން ބުނީ އައްޑޫ ހައި ސްކޫލާއި ހިތަދޫ ސްކޫލްގެ އިތުރުން ޝަރަފުއްދީނުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެހެންވެ ކުރިއަށް އޮތް ތަނުގައި އިތުރު ސްކޫލްތަކާ އެކު ކައުންސިލުން އެމްއޯޔޫ ހަދާނެ އެވެ.