Last Updated: May 17, 11:50
Friday, May 17, 2024
ޚަބަރު

ސިއްހީ ހިދުމަތް ދޭ ތަންތަން އީޕޯޓަލްއަކުން ގުޅާލަނީ

ރާއްޖޭގެ ހުރިހާ ޞިއްޚީ ޚިދުމަތް ދޭ ތަންތަން އީޕޯޓަލް ވިއުގައަކުން އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ގުޅާލެވޭނެ ކަމަށް އާސަންދަ ޕްރިވެޓް ލިމިޓެޑުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެ އެވެ.

ޒީނިޔާ ވިދާޅުވީ، އާސަންދަ އޮފީހުގެ މަސައްކަތްތައް ރައްޔިތުންނާއި ވީހާ ވެސް ގާތުން ފޯރުކޮށް ދިނުމަށް ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއް އީޕޯޓަލްއެއް މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ހިދުމަތް ފ. އަތޮޅުގައި މިހާރު ތަޢާރަފްކޮށްފައިވާ ކަމަށާއި، އަންނަ އޮކްޓޯބަރު މަސް ނިމެންވާ އިރަށް ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއް އީޕޯޓަލް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށް ވިދާޅުވި އެވެ.

"އާސަންދަ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ ގޮތުން އާސަންދަ އީ ޕޯޓަލުން ހުރިހާ ސިއްޚީ ޚިދުމަތްދޭ ތަންތަން ގުޅާލުމަށް މަސައްކަތް މިހާރު ވަނީ ފެށިފަ. ފ.އަތޮޅުގެ ހުރިހާ ރަށެއްގެ ކަމާގުޅުން ހުރި މުވައްޒަފުން ތަމްރީންކޮށް ޚިދުމަތް ދޭން ވަނީ ފެށިފައި،" ޒީނިޔާ ވިދާޅުވި އެވެ.

ހުސްނުވާ އާސަންދަ އާއި އެންސްޕާގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް "އަހުލު" ގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މި ސަރުކާރުންވެފައިވާ ޞިއްޙީ ވަޢުދުތައް ފުއްދެވުމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑާއި އެންސްޕާ އިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޞިއްޙީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ އެމްޑީޕީ ސަރުކާރުގައި ޞިއްޙީ ނިޒާމަށް ގެންނަވާފައިވާ ބައެއް ބަދަލުތަކަށް ފާޑުވިދާޅުވެފައެވެ.

"މުޅި ނިޒާމް ހަލާކުވެ ފުނޑުފުނޑުވެގެން ދިޔަ. ދިވެހިރާއްޖޭގައި އަންޒަމާނުއްސުރެ އެސްޓަބްލިޝްވެފަ އޮތް ވަރަށް ސްޓްރޯންގް ޕަބްލިކް ހެލްތު ނިޒާމެއް އޭރު. އެ ނިޒާމް ހަމަ މުޅިން ވިއްސި ވިހާލިވެގެން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ. "ކުޑަކުދިންނަށް ވެކްސިންގ ދިނުމާއި ފޫޅުމައިން ވިއްސުމާއި ގޭގޭގައި ވިއްސުމާއި އަދި ހެލްތު ސެންޓަރުތަކުގައި ވިއްސުމާއި މި ހުރިހާ ކަމެއް، ޓީބީއަށާއި މިފަދަ ކަންތަކަށް ބޭސް ދިނުމާއި އަދި ފާޑެއްގެ ކޯޕަރޭޝަންތަކެއްގެ ސަބަބަން މުޅި ނިޒާމް ގެއްލިގެން ދިޔައީ. ހެލްތު މިނިސްޓްރީގައި ހުރި މީގެ ސްޓެޓިސްޓިކްސް ބަލަހައްޓާ އުސޫލްތައްވެސް މުޅިން ވިއްސި ވިހާލިވެގެން ދިޔައީ."