އީއޭ ސްޕޯޓްސް އިން އުފައްދާ ވީޑިޔޯ ގޭމް ފީފާ ގެ އާ ރިލީޒް، ފީފާ17 ގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޯވާރޯލް ރޭޓިންގ އިން 94 ހޯދައި ރޮނާލްޑޯ މެސީއަށްވުރެ ކުރި ހޯދައިފިއެވެ. މިފަހަރުގެ ފީފާ ރޭޓިންގެ ތިންވަނައިގައި އޮތީ ބާސާގެ ނޭމާއެވެ.
ރޮނާލްޑޯ އަށް 94 ލިބިފައިވާއިރު މެސީއަށް ލިބިފައިވަނީ 93 އަދި ނޭމާ އަށް ލިބިފައިވަނީ 92 ގެ ސްކޯއެކެވެ.
https://twitter.com/EASPORTSFIFA/status/771762883625619456
ފީފާގެ އާ ރިލީޒްގައި ރޮނާލްޑޯއަށް 94 ލިބިފައިވާއިރު މެސީއަށް ސަޕޯޓު ކުރާ މީހުންދަނީ އީއޭ ސްޕޯޓުގެ މިނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެމީހުން ބުނާ ގޮތުގައި ނިމިގެންދިޔަ އަހަރުގެ ޗެމްޕިއަންސް ލީގާއި މިއަހަރު ކުޅުނު ޔޫރޯ ކާމިޔާބުކުރުމަކީ އަމިއްލަ ކުޅުންތެރިޔާ ކުރިއަރުވާން ޖެހޭ ސަބަބެއް ނޫނެވެ. ޔޫރޯގައި ރޮނާލްޑޯއަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް އޭނާގެ ފަރާތުން މާބޮޑު ކުޅުމެއް ފެނިގެންގޮސްފައި ނުވާކަން މެސީ ގެ ސަޕޯޓަރުން ވަނީ ފާހަގަކޮށްފައެވެ.
އަދި ތަށި ކާމިޔާބު ނުކުރެވުނު ނަމަވެސް ހުރިހާގޮތަކުން ރޮނާލްޑޯއަށް ވުރެ ކުރީގައި އަދިވެސް އޮތީ މެސީ ކަމަށާއި މިސީޒަނުގައި އޭނާ އެކަން ދައްކާނެ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެމީހުން ދަނީ އަޑުއުފުލަމުންނެވެ.
ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްފަހު ފީފާއިން ދޭ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް މިފަހަރު ހޯދާނީ ރޮނާލްޑޯ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެވެއެވެ.
ކުލަބު ފުޓުބޯޅައިން ލިބޭނެ އެންމެހާ ކާމިޔާބީއެއް ރޮނާލްޑޯއާ މެސީ ހޯދާފައިވާއިރު ދެމީހުންގެ ތެރެއިން ގައުމީ ޓީމާއެކު ކާމިޔާބީއެއް ހޯދިފައިވަނީ މިހާތަނަށް ރޮނާލްޑޯއަށެވެ.
މެސީގެ ކެޕްޓަން ކަމުގެ ދަށުގައި ޖެހިޖެހިގެން އާޖެންޓީނާ ކުޅުނު 3 ފައިނަލުންވެސް ވަނީ ބަލިވެފައެވެ. އެންމެފަހަށް ކުޅުނު ކޮޕަ އެމެރިކާގެ ފައިނަލުގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗިލީ އަތުން ބަލިވެ މެސީ ވަނީ މެޗަށް ފަހު ގައުމީ ފުޓުބޯޅައިން ރިޓަޔާވެސް ކޮށްފައެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެ ނިންމުން އަނބުރާ ނަގައި ގައުމީ ޓީމަށް އަނެއްކާވެސް ކުޅެން ފަށާފައެވެ.