ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ، އަވަށްޓެރި އިންޑިޔާގެ ގާތްގަނޑަކަށް 180 މިލިޔަން މަސައްކަތްތެރިން އިއްޔެ އިން ފެށިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.
ސަރުކާރުގެ ބޭންކުތަކާއި އޮފީސް އަދި ފެކްޓަރީތަކުގައި މަސައްކަތް ކުރާ އެތައް މިލިޔަން މުވައްޒަފުން ވަނީ މުސާރަ ބޮޑުކުރުމަށް އަޑުއުފުލައި މަގުތަކުގައި މުޒާހަރާކޮށްފައެވެ.
ޚަބަރު ލިބޭގޮތުގައި އިންޑިޔާގެ އެތެރޭގެ ދަތުރުފަތުރުތަކަށް މުޒާހަރާއާއި ގުޅިގެން މިހާރު ވަނީ ބުރޫ އަރައި، ކުރިއަށް ނުގެންދެވޭވަރަށް ގޮސްފައެވެ.
މުޒާހަރާއާ ބެހޭގޮތުން ވާހަކަ ދައްކަމުން އިންޑިއަން ނޭޝަނަލް ޓްރޭޑް ޔޫނިއަންގެ ފަރާތުން ވާހަކަދެއްކި ރަމެން ޕާންޑޭ ބުނެފައިވަނީ މިއީ އިންޑިޔާގެ މަސައްކަތްތެރިންގެ ހައްގުގައި ކުރާ މުޒާހަރާއެއް ކަމަށާއި އެކަން ކުރަނީ މައި ސަރުކާރާއި ދެކޮޅަށް ކަމަށެވެ.
"އަހަރުމެންގެ މި މުޒާހަރާ %100 ކާމިޔާބު ވާނެ. މިއީ ދުނިޔޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު މުޒާހަރާކަން ދުނިޔެއަށް ސާބިތުކޮށްދޭނަން." ޕާންޑޭ އިތުރަށް ބުނެފައިވެއެވެ.

މުޒާހަރާއަށް ގޮވާލާފައިވަނީ ފިނޭންސް މިނިސްޓަރު އަރުން ޖޭޓްލީ ގެ 96 ޑޮލަރުން 136 ޑޮލަރަށް އެންމެ ކުޑަ މުސާރައިގެ ގޮތުގައި ކަނޑައެޅުމަށް ހުށައެޅި ހުށައެޅުން ޔޫނިއަން ލީޑަރުން އަނބުރާ ފޮނުވާލުމުންނެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުން އަންނަނީ ޚަރަދު ކުޑަކުރުމަށް 'ބޭކާރު' ފެކްޓަރީތައް ބަންދުކުރުމަށެވެ. އަދި ބޭރު ގައުމު ތަކުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލުމަށާއި ސަރުކާރަށް ނިސްބަތްވާ ބައެއް ކުންފުނިތައް ވިއްކާލުމަށެވެ.
މުޒާހަރާގެ ސަބަބުން މިހާތަނަށް 20 މީހަކު ހައްޔަރު ކޮށްފައިވާކަމަށް އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާއިރު މުޒާހަރާގެ ބައިވެރިންގެ ފަރާތުން ރައްޔިތުންނަށާއި ތަކެއްޗަށް ގެއްލުމެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.