Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ބޮޑު މަގު އެޕްރީލް މަހަށް ނިންމޭނެ

ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަމުންދާ ސ. މަރަދޫ، މަރަދޫފޭދޫ އާއި ފޭގެ ބޮޑުމަގު އެޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބު (ޓޮމް) ވިދާޅުވީ ކުރިން އަންނަ މަހު ނިންމަން ބުނި މަގު ނުނިމި ލަސްވެގެން ދިޔައީ މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން މަަސައްކަތް ނުކުރެވި ދިއުމުގެ ސަބަބުންނެވެ.

ލަންކާ ސަރުކާރުން ދޭ 11 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދަމުންދާ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިންނެވެ.
ސެޕްޓެމްބަރު 6، 2012 ގައި އަމަލީ މަސައްކަތް ފެށި މަގު ގެ މަަސައްކަތް މި ކުންފުނިން ކުރިން ނިންމަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހަށެވެ.

މަގުގެ މަސައްކަތް ކުރަމުން އަންނަ އައިސީސީގެ އޮފިޝަލަކު ވިދާޅުވީ އެޕްރީލަށް މަސައްކަތް އެއްކޮށް ނިންމާލެތޯ ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޓޮމް ވިދާޅުވީ ތާރު އަޅައިގެން ހަދަމުން އަންނަ ފަސް ކިލޯ މީޓަރުގެ މަގުތަކުގެ މަސައްކަތް އެއްކޮށް އެޕްރީލް މަހުން ނިންމާލެވޭ އިރު މަގުތައް ހެދިފައި ހުންނާނީ ވަރަށް ފެންވަރު ރަނގަޅުކޮށް ދިގު މުއްދަތަަކަށް ބޭނުން ކުރެވޭ ފެންވަރަށެވެ.