Last Updated: June 8, 15:03
Monday, June 8, 2026
ވިޔަފާރި

ގަން-ލަންކާ އީދު ދަތުރަށް ބޮޑު ތަރުހީބެއް

މޯލްޑިވިއަންގެ އެއާބަސް ގަމަށް ޖެއްސި ދުވަހު ކުންފުނީގެ ބައެއް އިސް ވެރިން ފައިބައިގެން ދަނީ. ފޮޓޯ/ ޝަރަފް

އަންނަ އަޟްހާ އީދާއި ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބާއްވާ ގަން/ލަންކާ ދަތުރަށް ބޮޑު ތަރްހީބެއް ލިބެމުން އަންނަ ކަމަށް މޯލްޑިވިއަންއިން ބުނެފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ގަމާއި ލަންކާ ދެމެދު ބާއްވާ ހާއްސަ ފްލައިޓް އެއްކޮށް މުޅިން ފުލްވެފައިވާ ކަމަށެވެ.

"މި ފަހަރުގެ ދަތުރަށް މިވަނީ ބޮޑު ތަރްހީބެއް ލިބިގެން ގޮސްފައި. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ ދަތުރުތަކެއް ބާއްވަން ދަނީ ވިސްނަމުން،" އޭނާ ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ ގަމާއި ލަންކާ ދެމެދު ދަތުރު ފެށުމަށް މޯލްޑިވިއަންއިން ވިސްނާ ކަމަށާއި، ނަމަވެސް އަދި މުޅިން ފައިނަލް ކޮށްފައި ނުވާ ކަމަށެވެ.

އީދާ ދިމާކޮށް ގަމުން ލަންކާ އަށް ފުރުން އޮންނާނީ މި މަހުގެ 8 ގަ އެވެ. އަދި އެނބުރި ލަންކާ އިން ގަމަށް އަންނާނީ މި މަހުގެ 17 ގަ އެވެ.

މި ދަތުރުގެ ޓިކެޓްގެ އަގަކީ ދެކޮޅަށް 199 ޑޮލަރެވެ.

އަންނަ ނޮވެމްބަރު މަހު ސްރީލަންކަންއިން ގަމާއި ލަންކާ ދެމެދު ދަތުރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެއާލައިން ވަނީ ބުނެފަ އެވެ.