ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަރަޕްޝަނާއި ގުޅޭ ގޮތުން އަލްޖަޒީރާއިން ތައްޔަރުކޮށްފައިވާ ތަހްގީގީ ރިޕޯޓަށް މައުލޫމާތު ދީފައިވާ ދިވެހިން، ސަރުކާރު ބަދުނާމްވާ ގޮތަށް ދޮގު މައުލޫމާތު ދީފައިވާނަމަ އެފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ދެއްވައިފިއެވެ.
މިއަދު ހަވީރު 5 ޖަހާއިރު ކުރިން ދައްކަން ތާވަލް ކުރި "ސްޓީލިން ޕެރަޑައިސް" މިހާރު ވަނީ އަންނަ ބުދަ ދުވަހު ހަވީރު 5 ޖަހާއިރު ދައްކާ ގޮތަށް އަލްޖަޒީރާގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމަނާފައެވެ.
ސޯޝަލް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޒްލީން ވިދާޅުވީ، އައިރު ދީނުގެ ބަޔަކާއިި ގުޅިގެން ގައުމުގެ އަގުވައްޓާލަން ދައްކާ ހަގީގަތާއި ހިލާފް ވާހަކަތައް ވަގުތުން ހުއްޓުވާނެކަމަށެވެ.
އަޒްލީން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓް މިނިސްޓަރުންނަކީ، އަބުރުވެރި ބޭފުޅުން ކަމަށާއި، އެބޭފުޅުންނާއި ގުޅޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ފެތުމުގެ ޖާގަ ނުދެއްވާނެ ކަމަށެވެ.
އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ ތަހްގީގީ ރިޕޯޓްގެ ޓްރެއިލާ ޔޫޓިއުބްގައި އާއްމުކޮށްފައިވާ އިރު، އެ ޓްރެއިލާއިން ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް އާއި މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރ ޒަހީނާ ރަޝީދުގެ އިތުރުން ރައީސް ނަޝީދު އާއި މި ސަރުކާރުގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ފެނިގެންދެއެވެ.
އަލްޖަޒީރާއިން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ރިޕޯޓާއި ގުޅިގެން ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ގެންދަވަނީ އެކި ޓީވީ ޗެނަލްތައް މެދުވެރިކޮށް، ރިޕޯޓްގައި ހިމެނިދާނެ ވާހަކަތައް ދޮގުކޮށްފައެވެ.
އަދި ބައެއް މަޖްލިސް މެމްބަރުން ގެންދަވަނީ އެއަށް ރައްދުދެއްވަމުންނެވެ.