އުމުރުން ދުވަސްވީ މީހަކު މަރަދޫ ބަނދަރު ސަރަހައްދުގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ. މަރުވެފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫ ބަނދަރު ސަރަހައްދުގެ މަސްފެކްޓަރީ ހަދަން ކަޑައެޅި ހިސާބު ގޮނޑު ދޮށުން މަރުވެފައި އޮތްވާ ފެނުނީ އެރަށު މީހަކާއި އިނދެގެން އުޅޭ ގދ. ފަރެސްމާތޮޑާ، ރަންވެލި، އަހުމަދު އަލީއެވެ.
އަހްމަދު އަލީގެ އާއިލާއާ ހަވާލާދީ "އައްޑޫލައިވް" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އާއިލާއިން އެމީހާ ހޯދަން ފަށާފައިވަނީ އިޝާ ނަމާދަށް ފަހު ގެއަށް ނައިސް ލަސްވުމުންނެވެ.
ކޮންމެ ރެއަކު އިޝާ ނަމާދަށްފަހު ގެއަށް އަންނަ މީހަކަށްވެފައި، މިރޭ 11 ޖެހި އިރުވެސް ޚަބަރެއް ވެފައިނުވުމުން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށައެޅި ކަމަށާއި، އާއިލާއާއި ރަށު ރައްޔިތުން އަދި ފުލުހުންވެގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ 12 ޖަހަން ކައިރިވެފައިވަނިކޮށެވެ.
މައުލޫމާތު ދެމުން ވާހަކަ ދެއްކި މީހާ ބުނެފައިވަނީ އާއިލާއިން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވަނީ 11 ޖެހި ފަހުންނެވެ. ފުލުހުން ކުރި ޓުވީޓެއްގައި މަރުވި މީހާގެ ހަށިގަނޑު ފެނިފައިވާކަން ކަށަވަރު ކޮށްދީފައިވާއިރު މައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ ކަންތައް މިހާރު ދަނީ ބަލަމުން ކަމުގައި ހާމަކޮށްފައިވެއެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދީފައިނުވެއެވެ.