Last Updated: May 19, 13:09
Sunday, May 19, 2024
ކުޅިވަރު

ޓީމް ފެނަކަ އަދި އެފްސީ އޭއައިއޭ ސެމީއަށް

މެދުކެޑުމަކަށްފަހު ރޭ ފެށި "އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖް"ގެ ކުއާޓަރ ފައިނަލުން މޮޅުވެ، ޓީމް ފެނަކަ އަދި އެފްސީ ޓްރިޕްލް އޭ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.

ފޭދޫ ފުޓްސަލް އެރީނާގައި ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗްގައި އެފްސީ ޓްރިޕްލް އޭ އާއި އެއާޕޯޓްސް ރިކްރިއޭޝަން ބައްދަލު ކުރި މެޗް 6-6 ލަނޑުން އެއްވަރުވެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އެފްސީ އޭއައި އޭ މޮޅުވީ 8-6 ލަނޑުންނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ އޭއައި އޭގެ އަބްދުﷲ ވާޒިއުއެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ފަހު މެޗް ޓީމް ފެނަކަ ކާމިޔާބް ކުރީ، އެޗްޕީއެލް އާއި ވާދަކޮށް 6-4 ލަނޑުންނެވެ.

ރޭގެ މެޗްގައި މޮޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިއާ ހޯދި ޓީމް ފެނަކައިގެ އަބްދުﷲ ރިޒްމީން ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމްގެ އިތުރު ލަނޑުތައް ޖަހާދީފައިވަނީ އިބްރާހިމް ސާމީ އާއި އިބްރާހިމް ނިޒާރުގެ އިތުރުން އަހްމަދު ނާދިރުއެވެ.

އެޗްޕީއެލްއަށް ލަނޑު ޖަހާދިނީ އަހްމަދު ނިރުޝާމް، އިބްރާހިމް ޝާނީޒް އަދި އަހްމަދު ޝާފިއުއެވެ. ނިރުޝާމް ވަނީ ދެ ގޯލް ޖަހާފައެވެ.

މުބާރާތުގެ ސެމީއަށް ގޮސްފައިވާ ޓީމްތައް:

ކަސްޓަމްސް ރިކްރިއޭޝަން ކްލަބް
ސަދަން ޓްރާންސްޕޯޓް ލިންކް
ޓީމް ފެނަކަ
އެފްސީ އޭއައިއޭ