Last Updated: May 19, 00:16
Saturday, May 18, 2024
ރިޕޯޓް

އަލްޖަޒީރާ ރިޕޯޓް: ސީމެގުން ސަރުކާރަށް އިތުރު ޕްރެޝަރެއް!

ޕީޕީއެމް ޕީޖީ ގްރޫޕުގެ މެންބަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އަވަސް ފޮޓޯ

ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ކަރަޕްޝަން މައްސަލަތައް ހިމެނޭ ރިޕޯޓް އަލްޖަޒީރާއިން އަންނަ ބުދަ ދުވަހު ހަވީރު ދައްކަން ޝެޑިއުލް ކޮށްފައިވާއިރު ސަރުކާރުގެ އިސްވެރިން ކެޑި ނޭޅި އެކި ޓީވީ ސްޓޭޝަންތައް މެދުވެރިކޮށް އެރިޕޯޓްގައި ހިމެނިދާނެ ވާހަކަތައް ދަނީ ދޮގު ކުރަމުންނެވެ.

އަލްޖަޒީރާގެ ރިޕޯޓަށް މައުލޫމާތު ދިން ފަރާތްތަކުން ހަގީގަތާއި ހިލާފް ދޮގު މައުލޫމާތު ދީފައިވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިވަނީ ދީފައެވެ. ސަރުކާރު ނިސްބަތްވާ މަޖްލިސް މެމްބަރުންނާ ވަޒީރުން ގެންދަވަނީ އަލްޖަޒީރާގެ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ ވެރިކަން "ނުވެއްޓޭނެ"ކަމުގެ ޔަގީންކަން ދެމުންނެވެ.

އަލްޖަޒީރާގެ ރިޕޯޓްގެ ކުރު ޓްރެއިލާއެއް ޔޫޓިއުބް މެދުވެރިކޮށް އެ ޗެނަލްއިން އާއްމުކޮށްފައިވާ އިރު މިހާރު ގިނަ ދިވެހިންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ މިރިޕޯޓާއި ގުޅިގެން ސަރުކާރުގެ ވެރިން ޕްރެޝަރު ބޮޑުވެގެން އުޅޭ މައްސަލައެވެ.

އަލްޖަޒީރާގެ އިންވެސްޓިގޭޓް ޔުނިޓުން ކުރިއަށް ގެންދިޔަ ތަހްގީގީ ރިޕޯޓުން ސަރުކާރަށް މިހާ ބޮޑު ލޮޅުމެއް އައިސްގެން އުޅެނީ ކީއްވެބާއެވެ. ކާކަށް ކޯއްޗެއް ބުނެވިގެން ހެއްޔެވެ. ކޮން ފަދަ މައުލޫމާތެއް އަލްޖަޒީރާއަށް ދެވިގެން ހެއްޔެވެ. ހައްތަހާވެސް ސުވާލެވެ.

ޔޫޓިއުބްގައި މިހާތަނަށް އާއްމުކުރި ވީޑިއޯ ކްލިޕްގައި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް އާއި މޯލްޑިވްސް އިންޑިޕެންޑެންޓް އެޑިޓަރ ޒަހީނާ ރަޝީދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މި ސަރުކާތުގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ފެނިގެންދެއެވެ.

ނިޔާޒް އިބްރާހިމް ފެނިގެން ގޮސްފައިވާ އިރު ސަރުކާރުގެ ތެރެއިން ހާއްސަކޮށް އެމްއެމްޕީއާރްސީގެ ތެރޭގައި ހުރި ބޮޑެތި ކަރަޕްޝަން މައްސަލަތައް ތިލަކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަމާލްކަމަށް ގެންދެވީ ނިޔާޒް އިބްރާހިމްއެވެ. ނިޔާޒްގެ ވާހަކަތައް ރާއްޖޭގެ ރައްޔިތުން މިވަނީ އަހާފައެވެ. ނިޔާޒް ދެއްކެވި ވާހަކަތަކުގެ ހަގީގަތްވެސް ދިވެހިން މިވަނީ ދެކިފައެވެ. ދެން އޮތީ ބައިނަލްއަގްވަމީ ޗެނަލަކުން އެވާހަކަ ދައްކާތަން ބެލުމެވެ.

އަލްޖަޒީރާގެ ރިޕޯޓް ދައްކަން ކުޑަތަން ވަމުން އަންނަ އިރު ސަރުކާރަށް ދެންއޮތް ޕްރެޝަރުވެސް ވަކި ކުޑައެއް ނޫނެވެ.

މިއަހަރު އެޕްރީލް މަހުގެ 20 ވަނަ ދުވަހު ބޭއްވި ކޮމަންވެލުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައި ސަރުކާރަށް ޝަރުޠުކުރި ކަންކަމަށް ޖަވާބުދާރީ ވުމުގެ ވަގުތު މިއޮތީ ޖެހިފައެވެ.

ސަރުކާރުން އިސްވެ ޕާޓީ މަޝްވަރާތައް ފެށުމަށާއި، ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި، ސިޔާސީ ލީޑަރުންގެ ޝަރީއަތް ކުރިއަށް ދިޔަ އިޖުރާއަތްތަކާމެދު ހުރި ކަންބޮޑުވުންތަކަށް އިޖާބަދިނުމަށާއި، ހިޔާލުފާޅު ކުރުން ހުއްޓުވަން ޓެރަރިޒަމްގެ ގާނޫނު ބޭނުން ނުކުރުމަށް ސަރުކާރަށް ވަނީ ޝަރުޠުކޮށްފައެވެ.'

މީގެ އިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކޮމަންވެލްތުން ކުރިން ހުށަހަޅާފައިވާ ކަންތައްތަކަށް އަލުން ރިއާޔަތްކުރުމަށާއި، ސިވިލް ސޮސައިޓީތަކުގެ މިނިވަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މިގޮތަށް ކޮމަންވެލްތުން ގޮވާލާފައިވާ އިރު، ސަރުކާރު މިވަނީ އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއް ފާސްކޮށް މިނިވަން ނޫސްވެރިކަން "މަރާލާފައެވެ". އަދި އެއްވެ އުޅުމުގެ ހައްގުވެސް މިވަނީ ގާނޫނުން މަނާކޮށްފައެވެ.

މިހުރިހާކަމެއް މިގޮތަށް ހުރުމާއި އެކު، ސަރުކާރަށް ކުރިއަށް އޮތީ އަނެއްކާވެސް އިތުރު ޕްލޭންތަކާއި އެކު ބައިކޮޅަށް ގޯލަށް ނުވަދެވޭނެހެން ޑިފެންސްލައިން ވަރުގަދަ ކުރަންޖެހިފައެވެ.

ޕީޕީއެމްތެރޭގައި އުފެދިފައިވާ ކޯޅުންތަކާއި، ބައިނަލްއަގްވާމީ ދުނިޔެއިން ކުރިމަތިވެދާނެ ޕްރެޝަރުގެ މަންޒަރު ސަރުކާރުގެ މޫނުމަތިން މިހާރު މިދަނީ ފެންނަމުންނެވެ.

ސަރުކާރުގެ ވެރިން އަބަދު ދައްކަވާ ވާހަކައަކީ މި ސަރުކާރު "ވައްޓާނުލެވޭނެ" ވާހަކައެވެ.