ހުއްދަ ދީފައިވާ ވަރަށްވުރެ އިތުރަށް ލަންކާއިން ޑޮލަރު ބޭރު ކުރަން އުޅުމުގެ ތެރޭގައި އިއްޔެ އެގައުމުގެ ފުލުހުން ހައްޔަރުކުރި ކަމަށް ހަބަރު ފެތުރިފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ ރޭގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވަނީ އިއްޔެ 53 އަހަރުގެ ދިވެހި ފިރިހެނަކު އެގައުމުގެ ކަސްޓަމްސް ގާނޫނާ ޚިލާފަށް ގިނައަދަދެއްގެ ޑޮލަރު ގައުމުން ބޭރު ކުރަން އުޅެނިކޮށް ހައްޔަރުކޮށް ހިފަހައްޓާފައިވެއެވެ.
ނަމަވެސް އެއީ ކާކުކަން އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާއިރު އޭނާ ވަނީ 45،000 ޑޮލަރު (6.7 މިލިއަން ލަންކާ ރުޕީސް/ 691،200 ދިވެހި ރުފިޔާ) ދަބަސް ތެރޭގައި ފޮރުވައިގެން ގައުމުން ބޭރުކުރަން މަސައްކަތް ކޮށްފައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (724،250 ލަންކާ ރުޕީސް/ 76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ ހުއްދަ ހޯދައިގެންނެވެ. އެއީ ވެސް މަގުބޫލު ބޭނުންތަކަށް އެކަންޏެވެ.
ހައްޔަރުގައި ހުރި ޑރ. މަޖީދު ވަނީ ރޭގައި ރާއްޖެ ވަޑައިގެން ސަލާމަތްކަމާއެކު އެނބުރި އާދެވުނު ވާހަކަ ޓުވީޓަކުން ކަށަވަރުކޮށްދީފައެވެ.
Mihaaru Male' ga. Al-Hamdhu-li-Allah. Aniyaaveringe furassaarain alhamen emmen salaamaiy kuravvshi! Ameen pic.twitter.com/S4tIMwVHB2
— Abdul Majeed A.Bari (@amajyd) September 4, 2016
ބާރީ ކޮށްފައިވާ ޓުވީޓުގައި އަނިޔާވެރިންގެ ފުރައްސާރައިން އަޅަމެން ސަލާމަތް ކޮށްދެއްވުމަށްއެދި ﷲ ގެ ހަޟްރަތަށް ދުއާ ކޮށް، ސަލާމަތްވުމުން އެކަލާނގެ އަށް ޝުކުރުއަދާކޮށްފައިވެއެވެ.
ލަންކާ ކަމާބެހޭ ފަރާތަކުން ބާރީ މިނިވަން ކުރުމުގެ އެއްވެސް ތަފްސީލެއް ދީފައިނުވެއެވެ. އިތުރު މައުލޫމާތެއް ހޯދުމަށް ބާރީއާ މުއާމަލާތު ކުރުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފައެވެ.