ސ. ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުން ވައްކަން ކުރުން އާންމުވެ، އެތަންތަނަށް ބައެއް މީހުން ގެއްލުން ދެމުންދާ ކަމަށް "އައްޑޫ ލައިވް" އަށް އެނގިއްޖެ އެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ފޭދޫގެ ދެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓްތަކުގެ ތެރެއިން ބައެއް ތަންތަނުން ދާދި ފަހުން، ފަސް ފެން މޯޓަރު ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
"ވައްކަން ކުރުމުގެ އިތުރަށް އެކި ކަހަލަ ގެއްލުން ވެސް އެބަދޭ. އެގޮތުން ކަރަންޓް ވައިރިންތައް ބުރިކޮށްގެން ނެގުމާއި ޔުނިޓްތަކުގެ އެތެރޭގެ ތަންތަނަށް ވެސް ގެއްލުން ދީފައި އެބަ ހުރި،" ފޭދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. "ޔުނިޓްތަކުގައި ސެކިއުރިޓީ ވެސް ބަލަހައްޓާ. އެހެން ނަމަވެސް އެތަންތަނަށް ގެއްލުންދޭ މީހުންނާއި ވައްކަން ކުރާ މީހުން މެދުކެނޑުމެއް ނެތި އެކަން އެބަ ކުރޭ."
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ހައުސިން ޔުނިޓްތަކަށް ދީފައި ހުރި ގެއްލުން ފޭދޫގަައި ހުންނަ އައްޑޫ ސިޓީ ކައުންސިލްގެ ބިޒްނަސް ޑިޕާޓްމަންޓޫެގ ދެ އޮފިޝަލަކު ވެސް ވަނީ ބައްލަވާލައްވަަައިފަ އެވެ. އަދި ދީފައި ހުރި ގެއްލުންތަކާ ބެހޭ ގޮތުން އެ ޑިޕާޓްމަންޓުން ރިޕޯޓެއް ތައްޔާރުކޮށް، ކައުންސިލްގެ އިންފްރާސްޓްރަކްޗަ ޑިޕާޓްމަންޓަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އެކަން ފޭދޫ އަވަށު ބޯޑުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ދާދި ފަހުން ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވީ ހައުސިން ޔުނިޓްތަކަށް ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް ވަދެވޭ ވަރު ވާނީ ބޮޑެތި މަރާމާތުތަކެެއްކޮށްގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހައުސިން ޔުނިޓަށް ކުރިމަތި މީހުންގެ ތެރެއިން ގުރުއަތަށް ދިޔަ 224 މީހުންގެ ގުރުލުން މިރޭ ބާއްވަން ހަމަޖެހިފައި ވަނިކޮށް އެކަން ވަނީ ކެންސަލްކޮށްފަ އެވެ. މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ލިބޭ ގޮތެއް ނުވެ އެެވެ.