Last Updated: June 28, 09:53
Sunday, June 28, 2026
ކުޅިވަރު

ބޭލްގެ ދެގޯލާއެކު ވޭލްސްއަށް ފަސޭހަ މޮޅެއް

ބޭލް ފުރަތަމަ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ: ފޮޓޯ - މިރާ ފުޓްބޯލް

ވޯލްޑް ކަޕް ކޮލިފައިން ގައި ވޭލްސްއާއި މޮލްޑޯވާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-4 އިން ވޭލްސް ކާމިޔާބުކޮށްފިއެވެ.

ނިމިގެން ދިޔަ ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރި ވޭލްސް ފުރަތަމަ ފަހަރަށް ކުޅުނު މެޗު އަމިއްލަ ގައުމުގައި ކުޅުނުއިރު ސަޕޯޓަރުން ވަނީ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މެޗުގެ ފެށިގެންވެސް ވޭލްސް ވަނީ ގޭމުގެ ކޮންޓްރޯލް ނަގާފައެވެ. 38 ވަނަ މިނެޓުގައި ބޭލްގެ ހުރަހަކުން މެޗުގެ ފުރަތަމަ ގޯލު ސޭމް ވޯކްސް ވައްދާލާފައިވަނީ ބާރުހުރި ބޮލުން ޖެހި ބޯޅައަކުންނެވެ.

ބޭލްގެ ހުރަހަކުން ވޯކްސް ބޯޅަ ބޮލުން ފޮނުވާލަނީ: ފޮޓޯ - މިރާ ފުޓްބޯލް
ބޭލްގެ ހުރަހަކުން ވޯކްސް ބޯޅަ ބޮލުން ފޮނުވާލަނީ: ފޮޓޯ – މިރާ ފުޓްބޯލް

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޓޯކް ސިޓީއާ އަލަށް ގުޅުނު ކުރީގެ ލިވަޕޫލް މިޑްފީލްޑަރ ޖޯ އެލެން ވަނީ ވޭލްސް އަށް ލީޑު ފުޅާކޮށްދީފައެވެ. އެލެން ވަނީ ޔޫރޯ ގައިވެސް ވޭލްސް އަށް މުހިއްމު ރޯލެއް އަދާކޮށްފައެވެ.

ވޭލްސްގެ ފަހު ދެ ގޯލު ދެވަނަ ހާފުގައި ފެނިގެން ދިޔައީ ރިއަލް މެޑްރިޑްގެ ތަރި ގެރެތް ބޭލްގެ ފަރާތުންނެވެ. 50 ވަނަ މިނެޓުގައި މޮލްޑޯވާގެ ޑިފެންސު ލައިނުން ހެދި ގޯހަކުން ލިބުނު ބޯޅައެއް ބޭލް ވަނީ ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ވައްދައި ނަތީޖާ 0-3 އަށް ހަދާފައެވެ.

މެޗުގެ ފަހު ގޯލު ނިމެން ކައިރިވެފައިވަނިކޮށް މޮލްޑޯވާގެ ކުޅުންތެރިން ޕެނަލްޓީ އޭރިޔާ ތެރެއިން ބޭލް ވައްޓާލުމުގެ ސަބަބުން ލިބުނު ޕެނަލްޓީ އެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ބޭލް ވަނީ 62 މެޗު ކުޅެ ގައުމީ ޓީމަށް އޭނާގެ 24 ވަނަ ގޯލު ޖަހާދީފައެވެ.

ވޭލްސް އަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ އިއަން ރަޝްގެ ފަހަތުގައި ބޭލް އޮތީ އެންމެ ހަތަރު ގޯލުގެ ތަފާތުންނެވެ. ރޭގައި އޭނާ ޖެހި ދެގޯލާއެކު ވަނީ ޑީން ސޭންޑާސް، އިވޯ އަލްޗަޗް އަދި ޓްރެވޯ ފޯޑް ލިސްޓުގެ ފަހަތަށް ޖައްސާލާފައެވެ.