މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަނުގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ކުރި ޖަލު ހުކުމް އަންނަ ނޮވެމްބަރު މަހަށް އ.ދ ގެ ވޯކިން ގްރޫޕުގައި ތާވަލުކޮށްފި އެވެ.
އިދިކޮޅު އިއްތިހާދުން މިއަދު ކުރި ޓުވީޓެއްގައި އ.ދ ގެ ވޯކިން ގްރޫޕުގައި އަންނަ މަހަށް މައްސަލަ ތާވަލުކޮށްފައިވާކަން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
#MUO ge Spokesperson MP @AhmedMahloof ge massala November ah UN Working Group gai thaavalukohfi pic.twitter.com/k1HETCFoD7
— United Opposition (@mvopposition) September 6, 2016
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި މައްސަލައިގައި ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކުރުމަށްފަހު އެހެން މައްސަލައެއްގައިވެސް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެ މަހުލޫފުގެ މައްޗަށް ވަނީ ހަތަރު މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފައެވެ.
މަހުލޫފަށް ކުރެވުނު ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމުގައި ބުނެ ވަކީލުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފްކޮށްފައެވެ. އަދި ހައިކޯޓުން ވަނީ އިސްތިއުނާފުގެ މައްސަލަ ބަލައިގެންފައެވެ.
އެއާއެކު އ.ދ ގެ ވޯކިން ގްރޫޕަށްވެސް މަހުލޫފުގެ ފަރާތުން ވަނީ މައްސަލަ ހުށައަޅާފައެވެ.