އޭޝިއަން ކަޕު ކޮލިފައިންގެ ޕްލޭ އޮފް ގެ ފުރަތަމަ މެޗުގައި ލާއޮސް އާ ދެކޮޅަށް ދިވެހި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު 0-4 ގެ ބޮޑު ތަފާތަކުން ރާއްޖެ ކާމިޔާބުކޮށްފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ގައުމީ ކެޕްޓަން، ދަގަނޑޭ ވަނީ 2 ގޯލު ޖަހައި އޭނާގެ ޕްރޮފެޝަނަލް ކެރިއާގެ 400 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ގޯލު 15 ވަނަ މިނެޓުގައި ދިވެހި ޓީމަށް ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ އަލީ ފާސިރް(ސެންޓޭ) އެވެ. ދެޓީމުންވެސް ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-1 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ގޯލު 61 ވަނަ މިނެޓުގައި ޖަހާފައިވަނީ ކެޕްޓަން ދަގަނޑޭއެވެ. ދަގަނޑޭގެ ގޯލަށްފަހުވެސް ރާއްޖެ ކުޅުންތެރިންނަށް މެޗުގައި ލީޑު ފުޅާ ކުރުމަށް ވަރަށް ގިނަ ހުސް ފުރުސަތުތައް ވަނީ ލިބި ބޭކާރުވެފައެވެ.
މެޗުގައި ރާއްޖޭގެ ތިންވަނަ ގޯލު ޖަހާފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް ހުސެން ނިޔާޒް ގޯލު ކުރިމަތިން އަސަދުﷲ އަބްދުﷲ އަށް ދޭން މަސައްކަތް ކުރި ބޯޅައެއް ލާއޮސް ޑިފެންޑަރެއްގެ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލަކުންނެވެ.
ރާއްޖެ ޓީމުގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދީފައިވަނީ މިއަދު އޭނާގެ އުފަންދުވަސް ފާހަގަ ކުރާ ގައުމީ ކެޕްޓަން، އަލީ އަޝްފާގު(ދަގަނޑޭ) އެވެ.
ދިވެހި ގައުމީ ޓީމުން މިރޭ ހޯދި ނަތީޖާއަކީ ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަންނަ މަހުގެ 11 ވަނަ ދުވަހު ލާއޮސް ގައި ކުޅޭ ޕްލޭ އޮފް ގެ ދެވަނަ މެޗުގައި ރާއްޖެ 0-5 ގެ ނަތީޖާއަކުން ބަލި ނުކުރެވިއްޖެނަމަ ރާއްޖެ ދެވަނަ ބުރަށް ދަތުރުކޮށް ލާއޮސް ކަޓާނެއެވެ.
މިއީ ރާއްޖެ ގައުމީ ޓީމަށް ކައިރި ކައިރީގައި ލިބުނު ދެވަނަ ބޮޑު މޮޅެވެ. މިދިޔަ ބުރާސްފަތި ދުވަހު ބަންގާޅު ގައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗު ރާއްޖެ ވަނީ 0-5 ގެ ބޮޑު ނަތީޖާ އިން ކާމިޔާބުކޮށް ބަންގާޅު ލަދުގަންނަވާލާފައެވެ.