އައްޑޫގައި ފުލުހުން މިހާރު ކުރިއަށް ގެންދާ “އަފިރިންގެ އަމާން އައްޑޫ ސިޓީ” އޮޕަރޭޝަނުގައި، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރިއަށްދާ އިރު އޮޕަރޭޝަނުގައި، މިހާތަނަށް ނުރައްކާތެރި ގޮތަކަށް ދުއްވައިގެން ފަސް އުޅަނދެއް ޓޯކޮށްފި އެވެ.
ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ޤަވާއިދުގެ (މ) ގައި ވާ ގޮތުން، މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް ނުވަތަ ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރި ގޮތަކަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކޮށް އެފަދަ އުޅަނދެއް 15 ދުވަސް ވަންދެން ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ. އަދި މިގޮތަށް ހިފެހެއްޓޭ އުޅަނދެއް 3،000ރ. އިން ޖުރިމަނާ ކުރެވޭނެއެ ވެ.
އައްޑޫގައި ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ޓްރެފިކް ވައިލޭޝަންގެ މައްސަލަތައް މަދު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން އައްޑޫ ލިންކް ރޯޑުގަ އާއި އައްޑޫގެ ބޮޑެތި މަގުތަކުގައި ފުލުހުން ވީސީޕީ ޖަހައިގެން ހަރަކާތްތެރިވެ، ގިނަ ޢަދަދެއްގެ އުޅަނދުތައް ބަލައި ފާސްކޮށްފައިވާ އިރު އެކިއެކި މައްސަލަތަކާއި ގުޅިގެން މިހާތަނަށް ޖުމްލަ 18 އުޅަނދެއް ޓޯކޮށްފައި ވެ އެވެ.
މި އޮޕަރޭޝަނުގައި، ފާއިތުވި 48 ގަޑި އިރު ތެރޭ ފުލުހުން ކުރި މަސައްކަތުން 111 އުޅަނދެއް ބަލާ ފާސްކޮށް ހަތަރު އުޅަނދު ޓޯކޮށްފައިވެ އެވެ.
މީގެ އިތުރުން ގްރޫޕްތަކުން އެއްވެ އުޅޭ ކަމަށް ބެލެވޭ 86 ސަރަޙައްދެއް ބަލައި ފާސްކޮށް 63 މީހަކަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ފާއިތުވި 48 ގަޑި އިރުތެރޭ މައްސަލައެއްގެ ތުހުމަތުގައި ހިތަދޫ ޕޮލިސްއަށް ހާޟިރުކޮށްފައިވަނީ އެންމެ މީހެކެވެ.