Last Updated: June 28, 09:53
Sunday, June 28, 2026
ޚަބަރު

ހަތަރު ޝަރުތާއެކު ލޫކަސް މިނިވަން ކުރަން ހައި ކޯޓުން އަމުރުކޮށްފި

ސިފައިންނާއި ފުލުހުންނާއި މެދު ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް(ލޫކަސް) ޝަރުތުތަކަކާއެކު މިނިވަން ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ލޫކަސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު ތިންވަނަ އަމުރު ބާތިލުކުރުމަށް އޭނާގެ ފަރާތުން ހުށައެޅި މައްސަލަ ނިންމުމުގެ ގޮތުން ކޯޓުން ކުރި ހުކުމުގައި އޭނާ ޝަރުތުތަކަކާއެކު މިނިވަންކުރުމަށް ހުކުމް ކޮށްފައިވެއެވެ.

ކޯޓުން އޭނާ މިނިވަންކުރުމުގައި ހަތަރު ޝަރުތެއް މަތިކޮށްފައިވެއެވެ. އޭގެތެރޭގައި ފުރަތަމަ ކަމަކަކަށް ހިމެނެނީ ދައުލަތުގެ އަމަން އަމާން ބެލެހެއްޓުމާއި ހަވާލުވެ ތިބި އެއްވެސް ފަރާތެއްގެ މަސައްކަތައް ހުރަސްއެޅޭ ފަދަ ކަންކަމާއި އެ މުވައްސަސާތަކުގައި މަސައްކަތްކުރާ މީހުންގެ ޝަރަފާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކަމެއް ނުކުރުމެވެ.

ދެވަނަ ޝަރުތަކަށް ފުލުހުން ކުރާ ތަހުގީގަކަށް އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކުރުމަށް ބޭނުންވެއްޖެނަމަ އެކަން ކުރުމަށް އެއްބާރުލުން ދިނުމާއި، ތިންވަނަ ޝަރުތަކަށް މުއާސަލާތީ ކަންކަމަށް ބޭނުން ކުރާ ވަސީލަތްތަކާއި އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ބޭނުންވެއްޖެނަމަ ދިނުމެވެ.

އެންމެ ފަހު ޝަރުތަކަށް ކޯޓުން ކުރި ހުކުމުގައި ވަނީ ފުލުހުންގެ ހުއްދަ ނެތި ގައުމުން ބޭރަށް ނުދިއުމެވެ. އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރުމަށް ފަހު މިނިވަން ވުމުން އޭނާގެ ގާތްތިމާގެ މީހުނާއި އެކުވެރިން އަންނަނީ ސޯޝަލް މީޑިޔާގައި އުފާ ފާޅުކުރަމުންނެވެ.
އަދި ބަންދުގައި ހުރިއިރުވެސް އޭނާއަކީ ކުއްވެރިއެއް ނޫންކަމަށާއި ވަގުތުނު ދޫކޮށްލުމަށް ގިނައަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި އަޑުއުފުލާފައެވެ.