ރެޑްބުލް އިން 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަންފެށި "ރެޑްބުލް ކެޗް ދަ ފެރީ" އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވި ގިނައަދަދެއްގެ ޒުވާނުން ބައިވެރިވަމުން އަންނަ ރޭހެކެވެ.
އެގޮތުން މިއަހަރުވެސް ރެޑްބުލް އިން މިރޭސް އިންތިޒާމުކޮށްފައިވާއިރު އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ވަނީ ބައިވެރިންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާގޮތަށް އިންތިޒާމުކޮށް ފޯރި އިތުރުކޮށްފައެވެ.
ކުރިން އަހަރުތަކުގައި މާލޭގެ ރާޅުގަނޑު ސަރަހައްދުން ރޭސް ފެށައިގެން ހުޅުމާލެ، އަދި ވިލިނގިލީގައި ދުވެ އެނބުރި މާލެ އައިސް ރޭސް ނިމޭނީވެސް ރާޅުގަނޑަށެވެ.
ނަމަވެސް މިފަހަރު ރޭސް އިތުރަށް ވާދަވެރިކުރުމަށް ފެށޭ ތަން ވަނީ ހުޅުމާލެ ސެންޓްރަލް ޕާކަށް ބަދަލުކޮށްފައެވެ. ހުޅުމާލެއިން މާލެއަށް ގޮސް، މާލެއިން ވިލިނގިއްޔަށް ގޮސް އެނބުރި ހުޅުމާލޭ ސެންޓްރަލް ޕާކަށް ރޭސް ނިމޭނެއެވެ.
ރޭހުގައި ކަނޑު ހުރަސްކުރުމަށް ހަމަޖެހިފައި އޮންނަނީ ފެރީގައެވެ. މިފަހަރު ރޭހުގައި ފެރީ ޕާޓްނަރަކީ 'ސިރިއަސް ސްޕީޑްބޯޓް' އެވެ. 5 ފެރީއެއް ހުޅުމާލެއިން މާލެއަށް ދުވުންތެރިންނާއެކު ދަތުރުކުރާއިރު ފުރަތަމަ ފެރީއަށް ނޭރޭ ދުވުންތެރިންނަށް ބާކީ ހަތަރު ފެރީއިން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
ފުރަތަމަ ފެރީ މާލެއަށް ދަތުރުކުރާތާ ދިހަ މިނެޓު ތެރޭ ބާކީ ހަތަރު ފެރީވެސް މާލެއަށް ދިއުމަށް ދަތުރު ފަށާނެއެވެ. އެހެންކަމުން އެންމެ ލަސްވެގެން ރޭސް ފެށޭތާ 35 މިނެޓުތެރޭ ފެރީ ޓާމިނަލްއަށް ދާން ޖެހޭނެއެވެ.
ރޭސް ފަށާއިރު ހުޅުމާލޭގައި ދުވުންތެރިން 6.29 ކިލޯ މީޓަރު ދުވަން ޖެހޭނެއެވެ. 20 މިނެޓު ތެރޭގައި ދުވެފައިގޮސް ފެރީއަށް އަރައި މާލެ ގޮސް 5.4 ކިލޯމީޓަރު މާލޭގައި ދުވަން ޖެހޭނެއެވެ.
ވިލިނގިލީގައި އެހެން ރަށްތަކާ ބަލާއިރު ދުވަން ޖެހޭ މިންވަރު ކުޑައެވެ. ނަމަވެސް ވިލިނގިލީގައިވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ދުވުން ފުރިހަމަކޮށް ފެރީއަށް އަރަން ޖެހެއެވެ. 1.69 ކިލޯމީޓަރު އެންމެ ހަ މިނެޓު ތެރޭ ފުރިހަމަކޮށް ފެރީއަށް އަރައި ރޭސް ނިންމުމަށް ހުޅުމާލެއަށް ފުރަން ޖެހޭނެއެވެ.
ރޭސް ނިންމުމަށް ބައިވެރިން ހުޅުމާލެއަށް ގޮސް 450 މީޓަރަށް ދުވެ ސެންޓްރަލް ޕާކަށް އެންމެ ފުރަތަމަ ދެވޭ ދުވުންތެރިޔަކު މޮޅުވާނެއެވެ.
ރޭހުން އެއްވަނަ ހޯދާ ފިރިހެން އަދި އަންހެން ބައިވެރިއަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވެއެވެ. ދެވަނައަށް އަންނަ ބައިވެރިންނަށް 5،000 ރުފިޔާ ލިބޭއިރު ތިންވަނައަށް ދާ ދުވުންތެރިންނަށް 2،500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
މި އަހަރުގެ ދުވުމުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ހޯދާ ދުވުންތެރިޔަކަށް ދުބާއީގައި އަންނަ އަހަރުގެ މެއި މަހު ބާއްވާ 'ވިންގްސް ފޮރ ލައިފް ވޯލްޑް ރަން'ގައި ބައިވެރިވުމުގެ ފުރުސަތު ރެޑްބުލް އިން ވަނީ ހުށައަޅާފައެވެ.