Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ފޭދޫ ހައުސިޓްތަކުގެ ގުރުލުން ދެވަނަ ފަހަރަށް ފަސްކޮށްފި

ފޭދޫގެ ހައުސިން ޔުނިޓްތަކެއް: ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ މެދުގައި މިރޭ ގުރުއަތުލުން ބާއްވާ ގޮތަށް ހަމަޖެއްސުމަށް ފަހު ހުށަހެޅިފައިވާ ޝަކުވާތައް އިތުރަށް ބެލުމުގެ ގޮތުން ގުރުއަތުލުން ފަސްކޮށްފި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފޭދޫގެ 25 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންގެ މެދުގައި ގުރުލާން ނިންމައި، ކެންސަލް ކުރި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ކެންސަލް ކުރީ މެއި 12 ގައި ބާއްވަން ތާވަލްކުރި ގުރުއަތެވެ. އަދި އެ ފަހަރު ހުށަހަޅާފައިވާ 250 ފޯމް ބާތިލްކޮށް އަލުން ކުރިމަތިލުމަށް ހުޅުވާލި އެވެ.

ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 339 ފަރާތަކެވެ. އަދި އެ ފަރާތްތަކުގެ ޕޮއިންޓް ލިސްޓް މި މަހުގެ 24 ގައި އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ.

ކައުންސިލްގެ އިންފްރާސްޓްރަކްޗާ ޑިޕާޓްމަންޓްގެ ފަރާތުން ވާހަކަ ދެއްކެހި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ ވިދާޅުވީ ޕޮއިންޓް ލިސްޓާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބިފައި އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ނިންމީ އެ ޝަކުވާތަކާ ގުޅޭ ގޮތުން މިރޭ ބައްދަލުވުމެއް ބާއްވައި ޝަކުވާތަކަށް ރިޔާއަތްކޮށްފައި އަލުން ޕޮއިންޓް ލިސްޓް އާންމު ކުރަން ކަމަށެވެ. އަދި ހަމައެއާ އެކު އަނެއްކާ ވެސް ލިސްޓާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހިލްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރާނީ ން ވީހާ ވެސް އަވަހަށް އެކަން ކުރެވޭތޯ ކަމަށާއި މިކަން ދިގުލައިގެން ދާތީ މިހާރު ވެސް ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އަލުން ގުރުލުން ބާއްވާނެ ދުވަހެއް ވިދާޅުވާން މި ވަގުތު ދަތި ކަމަށް ހިލްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަމަށް ފުރުސަތު ނުދީ ގުރުލުން ބާއްވައިގެން ބަޔަކާ ޔުނިޓްތައް ހަވާލު ނުކުރާނެ ކަމަށެވެ. އެކަމަކު ވީހާ ވެސް އިންސާވެރިކޮށް ހަމަހަމަކަމާ އެކު މިކަން ކުރިއަށް ގެންދަން ކައުންސިލުން ބޭނުންވާ ކަމަށް ހިލްމީ ވިދާޅުވި އެވެ.