އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީ ހިންގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ފަސް މީހެއްގެ މައްސަލައިގެ ތަހުގީގު ނިއްމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރެލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްްސަލަ އާ ގުޅިގެން ދަޢުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ހިމެނެނީ ސ. ހިތަދޫ ސަހަރާގެ މުޙައްމަދު ރަޝީދު، 22، އާއި ހިތަދޫ، ހާލާފަރު މާލިކު އަޙްމަދުދީދީ، 26، އާއި ހިތަދޫ ހާލާފަރު، މުޙައްމަދު ޝިފާޒު، 23، އާއި ހިތަދޫ ހުދުމާވަހަރުގެއާގެ އަޙުމަދު ޙުސައިން، 26، ގެ އިތުރުން ހިތަދޫ ހަވާސާ ޙަސަން އަންވަރު، 22، އެވެ.
މި ފަސް މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ މައްސަލައަކީ ޖުލައި 6، 2012 ވަނަ ދުވަހުގެ ހަވީރު 17:18 އެހާކަށްހާ އިރު ހިތަދޫގައި މީހެއްގެ ގައިގަ ތަޅާ މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައިގަ އެވެ.
މި މައްސަލައިގެ ތަހުގީގުކޮށް ނިންމައި ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.