އިދިކޮޅު އިއްތިހާދުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތެރެއިން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ 13 މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލައި މިހާރު ބަންދުގައި ތިބީ 9 މީހަކު ކަމަށް ފުލުހުން ބުނެފިއެވެ.
ދޫކޮށްލި ހަތަރު މީހުންނަކީ ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ ނޫސްވެރިންނެވެ. ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ އެމީހުން މުޒާހަރާ ލައިވް ކުރުމަށް ބޭނުން ކުރަމުން ދިޔަ ސާމާނާއިއެކުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންދުގައި ތިބި 9 މީހުންގެ ތެރެއިން 3 މީހަކު ހައްޔަރުކުރީ ކޯޓު އަމުރާއިއެކުގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ ގައުމީ ޓީމްގެ މުހިއްމު ކުޅުންތެރިއެއްކަމަށްވާ އައްސަދު އަލީ، އާއި ކުރީގެ ކެދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދުއެވެ.