އިނގިރޭސި ގަދަ ދެ ބާރު، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ހަނިގޮތަކަށް ސިޓީ ކާމިޔާބުކޮށް ސީޒަނުގެ ފުރަތަމަ ޑާބީ މެޗު ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ސިޓީ މެޗު ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާ އިންނެވެ. މެޗުގައި ފެނުނު ތިން ލަނޑުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައިކަން ފާހަގަކޮށްލެވެއެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީ މިއަދުގެ މެޗުވެސް ފަށާފައިވަނީ އެހެން މެޗުތަކެކޭ އެއްފަދައިން ގިނައިރު ބޯޅަ ހިފަހައްޓައި ފުރުސަތު ތަނަވަސް ކުރަމުންނެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޑިފެންޑަރު ޑެލީ ބްލިންޑާއި ސިޓީގެ ކެވިން ޑިބްރުއޭނާ ކުރިމަތިލައި ހޯދި ބޯޅަ ޑިބްރުއޭނާ ވަނީ ކީޕަރާ ކުރިމަތިލައި ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ލީޑު ނަގާފައެވެ.

ލީޑު ނެގުމަށްފަހުވެސް ޔުނައިޓެޑަށް ގޭމް ޕްލޭނާ އެއްގޮތަށް ކުޅުން ބިނާ ނުކުރެވި، ގިނަ ވަގުތު ބޯޅަ ގެއްލުވާ ހެދުމުގެ ސަބަބުން ސިޓީ އިން ވަނީ މެޗު ޑޮމިނޭޓުކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ކެވިން ޑިބްރުއޭނާ ގޯލަށް ފޮނުވާލި ބޯޅައެއް އަރިމަތީ ދަގަނޑުގައި ޖެހި ކުޅުމުގެ ތެރެއަށް ވަނުމުން ގޯލު ކުރިމަތިން ޒުވާން ފޯވާޑް ކެވިން އިހެނާޗިއޯ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
ސިޓީގެ ދެވަނަ ގޯލު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިންވަނީ ކުޅުން ރަނގަޅުކޮށް ބޯޅަ ހިފަހައްޓައި ފުރުސަތު ތަނަވަސް ކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ތެރެއަށް ވަދެގަނެފައެވެ.
41 ވަނަ މިނެޓުގައި ކެޕްޓަން ރޫނީ ގޯލު ކައިރިއަށް ނަގާދިން ހިލޭ ޖެހުމެއް ސިޓީ ކީޕަރު، ބްރާވޯއަށް ނުނެގި ހެދުނު ގޯހެއްގެ ސަބަބުން ޔުނައިޓެޑަށް ގޯލު ޖަހާދީފައިވަނީ އިބްރަހިމޮވިޗެވެ.
ފުރަތަމަ ހާފު ނިމެނިކޮށް އިބްރަހިމޮވިޗަށް ގޯލު ކުރިމަތިން ލިބުނު ހުސް ފުރުސަތު އޭނާއަށް ވަނީ ބާރެއް ނެތި ފޮނުވާލެވިފައެވެ. ބޯޅަ ލައިނުން ދިފާއުކޮށްފައި ވަނީ ޖޯން ސްޓޯންސްއެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ހެންރިކް މިޚިތަރިޔަން އަދި ޖެސީ ލިންގާޑުގެ ބަދަލުގައި އެންޑަ ހެރޭރާ އަދި މާކަސް ރަޝްފޯޑު ކުޅެން ނިކުންމާފައެވެ. ދެކުޅުންތެރިންގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ފެނިގެން ގޮސްފައެވެ.
ޔުނައިޓެޑުން އެޓޭކުގައި ވަރުގަދަ ކުރި ނަމަވެސް ސިޓީއިން ވަނީ ޑިފެންސުގައި ވަރުގަދައަށް ހިފަހައްޓައި އިތުރު ގޯލެއް ކާމިޔާބުނުކުރެވުނަ ނުދީ ޔުނައިޓެޑު ހިފަހައްޓާފައެވެ.
މެޗުގައި ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ އަދި ސިޓީގެ ފާނަންޑީނިއޯ އާއި ކެވިން ޑިބްރުއޭނާގެ ކުޅުން ފާހަގަކޮށްލެވެއެވެ. ތިން ކުޅުންތެރިންވެސް ވަނީ މެޗުގެ ފުރިހަމަ ނަތީޖާ ގެނައުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.
ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ސިޓީ ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ. ޔުނައިޓެޑަށް 3 މެޗުން ލިބުނު 9 ޕޮއިންޓާއެކު ލިބިފައިވަނީ ތާވަލުގެ ތިންވަނައެވެ.