Last Updated: June 28, 09:53
Sunday, June 28, 2026
ކުޅިވަރު

ޗެމްޕިއަންސް ލީގް: ބޮޑު މުބާރާތެއްގެ އެނބުރި އައުން

ކުލަބު ފެންވަރުގައި ދުނިޔޭގައި ކުޅޭ އެންމެ ބޮޑު މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަން މިރޭ ފަށައިފިއެވެ.

ޖުމުލަ 7 މެޗު ކުޅެ އެއްކޮށް 21 ގޯލު ފެނިގެންދިޔަ ފުރަތަމަ ދުވަހުގައި އަލިއަޅުވާލެވެނީ ބާސެލޯނާ އަދި މެސީއަށެވެ. ސެލްޓިކް އާ ދެކޮޅަށް ބާސާ ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 0-7 އިންނެވެ.

ހެޓްރިކަކާއެކު މެސީ މިސީޒަނުގެ މުބާރާތް ފައްޓާފައިވާއިރު ބާސާގެ ބާކީ ގޯލު ޖަހާފައިވަނީ ސުއަރޭޒް، ނޭމާގެ އިތުރުން ކެޕްޓަން އަންދްރޭ އިނިއެސްޓާއެވެ.

ޖަރުމަނުވިލާތުގެ ބެޔާން މިއުނިކް އާއި ރަޝިޔާގެ ރޮސްޓޮވް ބައްދަލުކުރި މެޗު ބެޔާން ކާމިޔާބުކޮށްފައިވަނީ 0-5 ގެ ބޮޑު ނަތީޖާއިންނެވެ. ޒުވާން ކުޅުންތެރިޔާ ކިމިޗް ގެ ދެގޯލު ރޭގައި ފެނިގެން ގޮސްފައިވާއިރު ތޯމަސް މުލާ، ލެވަންޑޮސްކީގެ އިތުރުން ޔުއަން ބަރނަޓްވެސް ވަނީ ކާލޯ އެންޗެލޮޓީގެ ޓީމަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު މެޗެއް ކުޅުނު ރޮސްޓޮވް ބަލިކުރުމަށް އެހީތެރިވެދީފައެވެ.

މިގްރޫޕުގައި އެތްލެޓިކޯ މެޑްރިޑާއި ޕީއެސްވީ އައިންދްހޯވެން ބައްދަލުކުރި މެޗު އެތްލެޓިކޯ ވަނީ ހަނިގޮތަކަށް 0-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ. ސައުލްގެ ފުރަތަމަ ހާފުގެ ގޯލުން އެތްލެޓިކޯއަށް ހަނި މޮޅެއް ލިބިފައިވިނަމަވެސް ޓީމުގެ މިސީޒަނުގައި ދައްކަމުން އަންނަ ދަށް ކުޅުން ރަނގަޅު ކުރެވިފައިނުވާކަން ފާހަގަ ކުރެވެއެވެ.

އިނގިރޭސިވިލާތުގެ އާސެނަލްއާއި ފްރާންސުގެ ޕީއެސްޖީ ބައްދަލުކުރި މެޗު ފެށިގެން 45 ސިކުންތު ތެރޭ ޕީއެސްޖީ ވަނީ އާސެނަލް ކޮޅަށް ގޯލު ޖަހައި ލީޑު ނަގާފައެވެ. ކަވާނީގެ ފުރަތަމަ މިނެޓުގެ ގޯލަށް ފަހު އިތުރު ގޯލެއް ކާމިޔާބުނުކުރެވި 77 މިނެޓު ހިނގާދިޔަފަހުން އެލެކްސިސް ސަންޗޭޒް ވަނީ އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގައި އިތުރު ގޯލެއް ނުފެނި ނިމިގެންދިޔަ ނަމަވެސް އާސެނަލް އަށް ވަނީ ރަށުން ބޭރުގައި ކުޅުނު މެޗުން ލިބުނު ޕޮއިންޓާއި އެވޭ ގޯލުގެ ސަބަބުން ހިތްވަރު އާކުރެވިފައެވެ.

ރޭ ކުޅެން ހަމަޖެހިފައި އޮތް މެންޗެސްޓާ ސިޓީ އަދި ބޮރޫޝިޔާ މޮންޚްލަބަގް ގެ މެޗު ވަނީ ވިއްސާރަވެ ސަޕޯޓަރުންނަށާއި ކުޅުންތެރިންނަށް ދަތިވުމުގެ ސަބަބުން ފަސްކުރެވިފައެވެ. މެޗު ދެން ކުޅޭނެ ދުވަހެއް ޔުއެފާ އިން މިހާތަނަށް އަންގާފައެއް ނުވެއެވެ.