ތިރީސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އާއި މެދު އޮތް ނުތަނަވަސްކަން ނައްތާލައްވައި، އެމަނިކުފާނަށް މަޢާފު ކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން ކޮލަމްބޯގައި ތިއްބެވި ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރައީސް މައުމޫން އާއި ގުޅިވަޑައިގެން "ގާނޫނީ އިމުގެތެރެއިން" މި ސަރުކާރު ބަދަލުކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މައުމޫނު އާއި ގުޅިވަޑައިގެން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ދެން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ.
ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފަޑު ވިދާޅުވެ، ލިޔުނު ލިޔުންތަކާއި ގުޅިގެން އެތައް ދުވަސްތަކެއް ވަންދެން ގައުމުން އަރުވާލެވިގެން ހުންނެވި، އަދި ރައީސް މައުމޫނުގެ ސަރުކާރުގައި ތަފާތު ފަހަރުމަތިން ޖަލަށް ލެވުނު ނަޝީދު ވިދާޅުވީ،"އަބަދު މާޒީގައި އުޅެން ބޭނުން ނަމަ ކުރިމަގު ބިނާކުރާނީ ކިހިނެތް؟".
މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ މިހާރުގެ ސަރުކާރު ބަދަލުކުރުމަށްފަހު އެކުލަވާލާ އިންތިގާލީ ސަރުކާރަކަށް ރައީސް މައުމޫންގެ ތާއިދުއޮތް ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު، ރައީސް މައުމޫންއަށް މަޢާފްކުރެއްވިކަމަށް ވިދާޅުވިއިރު އީދު ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަޢާފްކުރުމެއް ސަލާމް ކުރުމެއް ނެތި އީދު ދުވަހެއް ފާއިތުވެގެން ހިގައްޖެނަމަ އެވެގެންދާނީ ހަމައެކަނި ކަލަންޑަރުން ވެއްޓިގެން ދިޔަ ގަނޑެއް" ކަމަށެވެ.