އިދިކޮޅު އެއްވުމެއްގެ ތެރެއިން ފުލުހުން ހައްޔަރުކުރި މާޒިޔާގެ މިޑްފީލްޑަރު އައްސަދު އަލީ(އަޑުބަރޭ) އަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރުމުގެ ސަބަބުން މިރޭ ވެލެންސިއާ އަދި އަންނަ އަންގާރަ ދުވަހު ކުލަބު ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެއެވެ.
ދިވެހި ގައުމީ ޓީމުގައި މިވަގުތު ހުރި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، އަޑުބަރޭއަކީ ފުޓުބޯޅައިގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާއިވެސް ވަރަށް ކައިރީގައި އުޅޭ ކުޅުންތެރިޔެކެވެ.
އޭނާ ވަނީ މިސަރުކާރުގައި ތިން ފަހަރަށް އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ހައްޔަރުކުރެވިފައެވެ. ފުރަތަމަ ފަހަރަށް މިއަހަރުގެ ކުރީކޮޅުގައި ކްރިމިނަލް ކޯޓުގެ ގާޒީ، އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯ ނެގި މައްސަލައިގައި ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކުރެވި މާޒިޔާއަށް މުހިއްމު މެޗުތަކެއް ގެއްލިފައިވެއެވެ. އެގޮތުން އޭއެފްސީ ކަޕުގައި މާޒިޔާ ކުޅުނު ފުރަތަމަ ދެމެޗާއި ލީގުގައި ކުޅުނު ފުރަތަމަ މެޗުވެސް މާޒިޔާ ކުޅެފައިވަނީ ބޮޑު އަގު ދީފައި އާ ސީޒަނުގައި އަލަށް ގެނައި އަޑުބަރޭ އާ ނުލާއެވެ.
އޭނާ ދެވަނަ ފަހަރަށް ބަންދު ކުރެވިފައިވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުއާ ކުރުމުގައި ބައިވެރިވުމުގެ ސަބަބުންނެވެ. މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ އިދިކޮޅު އިއްތިހާދުން ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.
ދިވެހި ގައުމީ ޓީމު އެންމެ ފަހަކަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭ އޮފްގައި ލާއޮސް އާދެކޮޅަށް ކުޅުނު މެޗުގައި އަޑޭ ވަނީ ދިވެހި ޓީމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. ބަންދުގެ މުއްދަތު އިތުރު ނުކޮށްފިނަމަ ލާއޮސް ގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި ގައުމީ ޓީމާއި ބައިވެރިވެ ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.
ނަމަވެސް މާޒިޔާ މިފަހަރު ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތަށް އަޑޭގެ ބައިވެރިވުން ނުލިބުމަކީ އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ. 34 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި މިހާރު އޮތް މާޒިޔާ މިސީޒަނަށް ނިކުމެފައިވަނީ ލީގު ހޯދުން މައިގަނޑު ލަނޑުދަނޑިއަށް ހަދައިގެންނެވެ.