Last Updated: June 28, 09:53
Sunday, June 28, 2026
ކުޅިވަރު

އާސެނަލް ކުޅުންތެރިން ހޭލަން ޖެހޭ: ކޮސިއެލްނީ

ޕީއެސްޖީ ކުޅުންތެރިޔަކު ކައިރިން ބޯޅަ ހޯދުމަށް ކޮސިއެލްނީ މަސައްކަތް ކުރަނީ: ފޮޓޯ- މިރާ ފުޓްބޯލް

އާސެނަލްގެ ޑިފެންޑަރު ލައުރެންޓް ކޮސިއެލްނީ ޓީމުގެ ކުޅުންތެރިންގެ ފަރުވާކުޑަކުރުންތަކާމެދު ނުރުހުންވެ މެޗުތެރެއަށް ވަދެ ހޭލަން ޖެހޭ ކަމަށް ބުނެފިއެވެ.

ފްރާންސުގެ ޕީއެސްޖީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗު ފެށިގެން 45 ސިކުންތު ތެރޭ ކޮޅަށް ގޯލު ވަނުމުގެ ސަބަބުން ކޮސިއެލްނީ ބުނެފައިވަނީ މެޗު ފެށުމުން މެޗަށް ދޭން ޖެހޭ ސަމާލުކަން ހުރިހާ ކުޅުންތެރިންގެ ކިބައިންވެސް ފެންނަން ޖެހޭ ކަމަށެވެ.

އޭނާ ބުނެފައިވަނީ ރޭގެ މެޗު ޓީމުން ފަށާފައިވަނީ "ނިދާފައި" ތިބެގެން ކަމަށެވެ. މެޗު ފެށިގެން މިނެޓެއްވެސް ނުވަނީސް ޕީއެސްޖީގެ ސާޖް އޮރިއާ ނަގާދިން ހުރަހެއް ފޯވާޑް އެޑީ ކަވާނީ ވަނީ ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ވައްދާލައިގެން ލީޑު ނަގާފައެވެ.

ލީޑު ނަގާދިން ނަމަވެސް ކަވާނީއަށް ރޭގައި ވަނީ ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފަސޭހަކަމާއެކު އާސެނަލް ބަލިކޮށް ހޯމް އެޑްވާންޓޭޖު ނަގަން ފުރުސަތު ލިބުނު ނަމަވެސް އެޓީމުގެ އެއްވެސް ކުޅުންތެރިޔަކަށް، ޚާއްސަކޮށް ކަވާނީއަށް ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން 77 ވަނަ މިނެޓުގައި ސަންޗޭޒް ވަނީ އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ރޭގެ މެޗު އާސެނަލް ފަށާފައިވަނީ ސަންޗޭޒް ފޯވާޑެއްގެ މަގާމުގައި، ފޯވާޑް ޖިރޫޑް ބެންޗުގައި ބަހައްޓައިގެންނެވެ. ނަމަވެސް އޭނާ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ ދެމިނެޓު ތެރޭ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ހޯދާފައެވެ.

މެޗުން އެއްވަރުވުމާ ގުޅިގެން ކެޕްޓަން ކޮސިއެލްނީ ބުނެފައިވަނީ ޕޮއިންޓެއް ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ. "ބަލިނުވެ އެވޭ ގޯލަކާއެކު ޕޮއިންޓެއް ލިބުމުން ހިތްހަމަ ޖެހޭ. ނަމަވެސް އަހަރުމެން އައީ ތިން ޕޮއިންޓު ހޯދުމުގެ މަގުސަދުގައި. ފެށުން އެގޮތަށް(ފުރަތަމަ މިނެޓުގައި ގޯލެއް ވަނުމުން) ދިއުމުން އެކަން ހާސިލު ކުރުމަށް އުނދަގޫ ވާނެ." ކޮސިއެލްނީ މެޗު ނިމިގެން ބުނެފައިވެއެވެ.

ކޮސިއެލްނީ ވަނީ ރޭގެ މެޗުގައި ސްޓަރައިކަރުގެ މަގާމުގައި ކުޅުނު ސަންޗޭޒް ކުރި ހިތްވަރަށް ތައުރީފުކޮށްފައެވެ. އަދި އެއް ނަމްބަރު ކީޕަރު ޗެކް ގެ ބަދަލުގައި ރޭގެ މެޗު ފެށި ޑޭވިޑް އޮސްޕީނާ މެޗުގައި ދެއްކި ކުޅުމަށްވެސް ކެޕްޓަން ކޮސިއެލްނީ ވަނީ ތައުރީފުކޮށް ހިތްވަރުދީފައެވެ.