ފަހު ދެ މިނެޓު ތެރޭ ރޮނާލްޑޯ އަދި މޮރާޓާ ޖެހި ގޯލުތަކާއެކު ރިއަލް މެޑްރިޑް އަދިވެސް 5 އަހަރު ތެރޭ ޗެމްޕިއަންސް ލީގު ހޯމް މެޗަކުން ބަލިނުވެ ރިކޯޑު ދަމަހައްޓައިފިއެވެ.
2-1 އިން ރިއަލް މޮޅުވި މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިގެން ދިޔައިރު ދެވަނަ ހާފު ފެށިގެން ދެ މިނެޓު ތެރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ރިއަލް ކޮޅަށް ގޯލު ޖަހައި ބާނަބައު ސިއްސުވާލިއެވެ.
ދެވަނަ ހާފުގެ އެންމެ ފަހު މިނެޓާ ހަމައަށް ލިސްބަން ވަނީ ގޯލެއް ކާމިޔާބު ކުރެވުނަނުދީ ރިއަލް ހިފަހައްޓާފައެވެ. ނަމަވެސް ލިސްބަންގެ ސަޕޯޓަރުންގެ ހިތްތައް ކުދިކޮށްލީ އެޓީމުން ވިދާލި ކްރިސްޓިއާނޯ ފޮނުވާލި ބާރުގަދަ ހިލޭ ޖެހުމަކުންނެވެ.

ރޮނާލްޑޯ އަށް އެފަދަ މުހިއްމު ވަގުތެއްގައި އޭނާގެ ޓީމަށް އެފަދަ މުހިއްމު ގޯލެއް ކާމިޔާބު ކުރެވުނު ނަމަވެސް އޭނާގެ ކުޑައިރުގެ ޓީމާ ދެކޮޅަށް އުފާ ފާޅުކުރާނެ ހިތްވަރެއް ހޯދިފައިނުވެއެވެ.
މެޗުގެ ފަހު ގޯލު އިންޖަރީ ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިން މިސީޒަނުގައި ޓީމާއި އަލުން ގުޅުނު ހުނަރުވެރި ފޯވާޑް އަލަވާރޯ މޮރާޓާއެވެ.
މެޗުން ރިއަލް މޮޅުވި ނަމަވެސް ސްޕޯޓިން ލިސްބަން ވަނީ ރަށުން ބޭރުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ރިއަލް މެޗުން ބަލިވިނަމަ 5 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގައި ހޯމް މެޗަކުން ބަލިވި ފުރަތަމަ މެޗަށް ރޭގެ މެޗުވާނެއެވެ.
ރޭގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އިނގިރޭސި ދެ ޓީމު، ލެސްޓާ އަދި މެންޗެސްޓާ ސިޓީ ވަނީ ފަސޭހަ ކަމާއެކު މޮޅުވެފައެވެ. ބްރޫގޭ ގެ މައްޗަށް 0-3 އިން ލެސްޓާ ކުރިހޯދިއިރު ސިޓީ ވަނީ ބޮރޫޝިޔާ މޮންޚްލަބަކް ގެ ކޮޅަށް 4 ގޯލު ޖަހާފައެވެ. ނަމަވެސް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ މޮނާކޯ އަތުން 1-2 އިން ބަލިވެފައެވެ.
އިތުރު މެޗުތަކަށް ބަލާއިރު ސީއެސްކޭއޭ މޮސްކޯއާއި ބެޔާ ލެވަކޫސަން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ ބޮރޫޝިޔާ ޑޯޓްމަންޑު ވަނީ ލޭގާ ވާސްޒާވާ ގެ ކޮޅަށް 6 ގޯލު ޖަހާފައެވެ. އަދި ޔުވެންޓަސް އާއި ސެވީއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ޔޫރަޕުގެ ދެވަނަ މުބާރާތް، ޔޫރޮޕާ ލީގުގެ މެޗުތައް މިރޭ ކުޅޭނެއެވެ. މެންޗެސްޓާ ޔުނައިޓެޑާއި ފިޔަނޫޑް ބައްދަލު ކުރާ މެޗަކީ ގިނަ ބަޔެއްގެ ލޯތައް އަމާޒުވާނެ މެޗެއް ކަމަށް ބެލެވެއެވެ. މިމެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ 10:00 ގައެވެ.