ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ގާނޫނީ ގޮތުން މި ސަރުކާރު ވައްޓާލުމަށްފަހު ކަމަށް، ކުރީގެ ފޮރިން މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުން ހޯދަން އިއްލާން ކުރުމަށްފަހު މިހާރު ޕާސްޕޯޓް ކެންސަލް ކޮށްފައިވާ ނަސީމް މިގޮތަށް ވިދާޅުވީ، ޓްވިޓާ މެދުވެރިކޮށް ފޮނުވި މެސެޖެއްގައެވެ.

ނަސީމް މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައި މިވަނީ ނަޝީދަށް ރާއްޖެއަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށް މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައި ވަނިކޮށެވެ.
އަޒްލީން ވިދާޅުވީ ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނަމޭ ވިދާޅުވާ ވިދާޅުވުމަކީ، ހަމައެކަނި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅެއް ކަމަށެވެ. އަދި އެމަނިކުފާން އާއި އެކު ބޭރުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ރާއްޖެ ވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާނޫނީ ގޮތުން ބަދަލު ކުރައްވާނެކަމަށް ނަޝީދު ވަނީ ބޭރުގެ މީޑިއާ ތަކުގައި ވިދާޅުވެފައެވެ.