Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ކުޑަފަރީގައި ބައިސްކަލް ނެޓްވޯކެއް ޤާއިމް ކުރަނީ

ބައިސްކަލް ނެޓު ވޯކު ގާއިމް ކުރުމަށް ކުޑަފަރީ ކައުންސިލަށް ސޮނޭވާ ޖާނީގެ ފަރާތުން ހަދިޔާކުރި ބައިސްކަލްތައް ---- ފޮޓޯ: ސަން އޮންލައިން

ނ. ކުޑަފަރި ކައުންސިލުން އެރަށުގައި ބައިސްކަލް ނެޓްވޯކެއް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޑަފަރީ ކައުންސިލުން ސަން އޮންލައިނަށް މަޢުލޫމާތު ދިން ގޮތުގައި ބައިސްކަލް ނެޓްވޯކްގެ ޚިދުމަތް ޤާއިމް ކުރުމުގެ މަސައްކަތް ފަށާފައިވަނީ ރައްޔިތުންނަށް ބޭނުން ކޮންމެ ވަގުތަކު ބައިސްކަލް ދުއްވޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުންނެވެ.

މި ޚިދުމަތް ތަޢާރަފް ކުރުމުގެ އެއް މަޤްސަދަކީ ކުޑަފަރިއަކީ އިންޖީނުލީ ވެހިކަލް ނެތް، ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ވިހަ ގޭސްތަކުން ސަލާމަތްވެފައިވާ ރަށަކަށް ހެދުން ކަމަށްވެސް ކުޑަފަރި ކައުންސިލުން މަޢުލޫމާތު ދިނެވެ.

ކުޑަފަރި ކައުންސިލުން ބުނި ގޮތުގައި މި ޚިދުމަތުގެ ދަށުން ދޫކުރެވޭ ބައިސްކަލްތައް ހުންނާނީ ކަނޑައަޅާ ވަކި ތަނެއްގައެވެ. އަދި މިއީ ހުރިހާ ރައްޔިތުންނަށްވެސް މުޅިން ހިލޭ ދޭ ޚިދުމަތެކެވެ.

މި ޚިދުމަތަށް ބޭނުންވާ ބައިސްކަލްތައް ކުޑަފަރި ކައުންސިލަށް ހަދިޔާ ކޮށްފައިވަނީ ސޮނެވާ ޖާނީގެ ފަރާތުންނެވެ.

މި ޚިދުމަތަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބޭ ކަމަށާއި ވީހާވެސް އަވަހަށް ބައިސްކަލް ނެޓްވޯކްގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށްވެސް ކުޑަފަރި ކައުންސިލުން ބުނެއެވެ.