Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

އޭދަފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ހުއްޓިއްޖެ

އޭދަފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗް ޕެޓްރޯލް ހުސްވެ ކަނޑުމަތިން ލޯންޗް ހުއްޓުމާ ގުޅިގެން މެރިން ޕޮލިސް އިން އެސަރަޙައްދަށްގޮސް ލޯންޗުގައި ތިބި މީހުން ރައްކާތެރިކަމާއެކު މާލެ ގެނެސްފިއެވެ.

marine-3

މި ހާދިސާ ހިނގާފައިވަނީ މިއަދު އޭދަފުށިން މީހުން ގޮވައިގެން މާލެއަށް ދަތުރުކުރަނިކޮށެވެ. މި ލޯންޗް ޕެޓްރޯލް ހުސްވެ އިންޖީނު ހުއްޓިފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއެކު މެރިން ޕޮލިސްއިން ވަނީ ލޯންޗް ކައިރިއަށްގޮސް އޭގައިތިބި މީހުން ރައްކާތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ކޮށްފައެވެ. މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ މާލެއަތޮޅު އާ ރަށާ ކައިރީގައެވެ.

މި ޙާދިސާ ހިނގިއިރު ލޯންޗުގައި 52 މީހުން ތިއްބެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. ލޯންޗްގައި ތިބި މީހުން މާލެގެނެސް ލޯންޗްވެސް މާލެއައިސް ޕްޓްރޯލް އަޅައި ޢާއްމު ދަތުރުތަކަށް ވަނީ ފަށާފައެވެ.

މި ޙާދިސާ ހިނގުމާ ގުޅިގެން މެރިން ޕޮލިސްގެ ފުލުހުން އިތުރަށް ބެލި ބެލުމުން މި ލޯންޗްގައި މީހުން އުފުލުމަށް ހުއްދަކޮށްފައިވާ މިންގަނޑަށްވުރެ އިތުރަށް މީހުން އަރުވާފައި ތިބުމާއެކު އެމައްސަލަ ދަނީ ބަލަމުންނެވެ. މިއީ 40 މީހުންނަށް ދަތުރު ކުރުމުގެ ހުއްދައޮތް ލޯންޗެއް ނަމަވެސް އެވަގުތު ލޯންޗުގައި 52 މީހުން ތިއްބެވެ.