ދިގު މުއްދަތެއް ވަންދެން މަގުމަތީގައި ބަހައްޓާފައި ހުރި ވެހިކަލްތައް ނައްތާލާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫގައި ހިންގާ ގަރާޖް، ވޯކްޝޮޕްތަކުން މަގުމަތީގައި ވެހިކަލް ފަދަ ތަކެތި ބާއްވައިގެން ދޮވެ މަރާމާތު ކުރުންފަދަ ކަންކަން ކުރަމުންދާ ކަމަށް ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި އެފަދަ ތަކެތި މަރާމާތު ކުރުމާއި މިފަދަ ބޭނުންތަކުގައި ގެންނަ ވެހިކަލްތައް ދިގު މުއްދަތަކަށް މަގުމަތީގައި ހުންނަކަން ވެސް ފާހަގަ ކުރެވިފައިވާތީ އެފަދަ ކަންކަން އެގޮތަށް ނުކުރުމަށް އަންގާ ކަމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުންޏެވެ.
މީގެ އިތުރުން ކައުންސިލްގެ އިއުލާނުގައި ބުނެފައި ވަނީ މިގޮތަށް މަގުމަތީގައި ހުރި ވެހިކަލްތައް މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަގަން ޖެހޭ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ހުންނަ އުޅަނދުތައް ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނައްތާލެވޭނެ ކަމަށެވެ.
އަދި އެފަދަ އަމަލުތައް ތަކުރާރު ކުރާ ފަރާތްތަކުގެ ހުއްދަ އާންމު މަސްލަހަތަށްޓަަކައި ބާތިލް ކުރަން ޖެހިދާނެ ކަމެއް ކަމަށްވާތީ މިކަމުގައި ކައުންސިލަށް އެއްބާރުލުން ދިނުމަށް އައްޑޫ ސިޓީކައުންސިލުން އެދެ އެވެ.