ސްރީ ލަންކާގެ ޤައުމީ އެއާލައިން ކަމުގައިވާ ސްރީ ލަންކަން އެއާލައިންސްގައި ސެމްސަންގް ގެލެކްސީ ނޯޓް 7 ބޭނުންކުރުން މަނާކޮށްފިއެވެ.
ސެމްސަންގް އިން އެންމެ ފަހަކަށް ނެރުނު ނޯޓް ސީރީސްގެ "ނޯޓް 7" ޗާޖަށް ޖަހާފައިވަނިކޮށް ރޯވުމުގެ ހާދިސާތައް ދުނިޔޭގެ އެކިކަންކޮޅުތަކުން ފެންމަތިވުމުގެ ސަބަބުން ސެމްސަންގ އިން އަންނަނީ ފޯނުތައް ގަނެފައިވާ ފަރާތްތަކުގެ އަތުންވެސް ފޯނު އަތުލައި ބަދަލު ދެމުންނެވެ.
ބޯޓާއި ދަތުރުކުރާ މީހުންގެ ސަލާމަތަށްޓަކައި ލަންކަން އެއާލައިންސްއިން ވަނީ މި ބާވަތުގެ ފޯނުތައް ބޯޓުމަތީގައި ޗާޖުކުރުމާއި ހުޅުވުން މުޅިން މަނާކޮށްފައެވެ.

މިއަދު މި އެއާލައިންއިން ނެރުނު ބަޔާނުގައިވަނީ، ގެލެކްސީ ނޯޓް 7 ބޭނުންކުރުން މަނާކުރިކަން ބޯޓު މަތީގައްޔާއި ޗެކް އިން ކައުންޓަރުތަކުގައި އިޢުލާން ކުރެވޭނެކަމަށެވެ.
ސްރީ ލަންކަންގެ އިތުރުން އަދިވެސް އެތައް އެއާލައިންތަކަކުން ވަނީ ސެމްސަންގް ގެލެކްސީ ނޯޓް 7 ގެ ފޯންތައް ބޭނުންކުރުން މަނާ ކޮށްފައެވެ.
ނޯޓް 7 "ގޮވުމުގެ" ސަބަބުން ސެމްސަންގް އަށްވަނީ 1.34 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެފައެވެ.