Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ފުވައްމުލަކު ފަރަށް އެރި ބޯޓް ފުން ކޮށްފި

ފޮޓޯ: ސޯޝަލް މީޑިއާ

މިދިޔަމަހު 13 ވަނަ ދުވަހު ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު "އެމްވީ އެންޖީއޯސީ ސަން" ފުން ކޮށްފިއެވެ.

ފުވައްމުލަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ގެނައި ހިލައާއި ހިލަވެލި ހިފައިގެން ދިޔަ މި ބޯޓު ފަރަށް އަރާފައިވަނީ ރަށަށް ކައިރިކޮށް ނަގިލިއަޅަން ޕޮއިންޓެއް ހޯދަމުން ދަނިކޮށެވެ.

ބޯޓު ފަރަށްއެރިއިރު ބޯޓުގައި 20 ފަޅުވެރިންނާއި 5700 ޖަމްބޯ ބޭގުގެ ހިލަ އަދި ހިލަވެލި ހުއްޓެވެ.

މި ބޯޓު ފުން ކުރެވުނީ ބޯޓުގައިހުރި ހިލައާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލުމަށްފަހު، ދެ ޓަގު ބޭނުންކޮށްގެންނެވެ.

މިގޮތަށް ޢަމަލު ކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ދީފައިވަނީ އެ ނޫން ގޮތެއް ނެތިގެންނެވެ. އީޕީއޭ އިން ދެކޭ ގޮތުގައި ބޯޓު ފުން ނުކޮށް އެގޮތަށް ފަރުމަތީގައި އޮވެއްޖެނަމަ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ.

ބޯޓު ފުންކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ.