އިންޑިއާގެ ވެރިރަށް ދިއްލީގެ ޕާކެއްގެ ތެރޭގައި ފުރާވަރު އުމުރުގެ ދެ އަންހެން ކުދިން ރޭޕް ކުރިކަމުގެ ތުހުމަތުގައި ހަތަރު ފިރިހެނުން ހައްޔަރު ކޮށްފިއެވެ.
މި އަންހެން ކުދިން ރޭޕް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ދެ ފިރިހެން ރަޙުމަތްތެރިންނާއިއެކީ ޕާކުގައި އިށީންދެގެން ތިއްބައެވެ.
ފުލުހުން ބުނާ ގޮތުގައި އަންހެން ކުދިން ރޭޕް ކޮށްފައިވަނީ އެ ދެ ފިރިހެން ރަޙުމަތްތެރިންގެ ކުރިމަތީގައެވެ. އަދި ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ދެ ފިރިހެނުންނަކީ 18 އަހަރުން ދަށުގެ މީހުން ކަމަށް ލަފާ ކުރެވޭ ކަމަށާއި ތުހުމަތު ކުރެވޭ ފަސް ވަނަ މީހަކު ދަނީ ހޯދަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެ އަންހެން ކުދިންގެ ދެ ފިރިހެން ރަޙުމަތްތެރިން އެކުދިންނަށް އެހީތެރިވުމަށް މަސައްކަތް ކުރުމުން، ރޭޕްކުރި މީހުން ވަނީ އެކުދިންނަށް ހަމަލާދީ އަނިޔާ ކޮށްފައެވެ.
2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ދިއްލީގެ ބަހެއްގެ ތެރޭގައި ވަރަށް އިހާނެތި ގޮތަކަށް އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު، ލިބުނު އަނިޔާތަކުގެ ސަބަބުން އެކުއްޖާ ވަނީ މަރުވެފައެވެ. އަދި މީގެ ފަހުން މިފަދަ ކުށްތައް ރިޕޯޓު ކުރާ މިންވަރު ދަނީ އިންޑިއާގައި އިތުރުވަމުންނެވެ.
2012 ވަނަ އަހަރުގެ މި ހާދިސާއާއި ގުޅިގެން ރޭޕް އާއި ދެކޮޅަށް އިންޑިއާގެ ޤާނޫންތައް ވަނީ އިތުރަށް ވަރަށް ވަރުގަދަ ކޮށްފައެވެ.