އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ލިވަޕޫލް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ލިވަޕޫލް މެޗު ކާމިޔާބުކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލު ލިވަޕޫލްގެ ޑިފެންޑަރު ލޮވްރެން ޖަހާފައިވަނީ ޗެލްސީ ޑިފެންސު ލައިނުން ހެދުނު ގޯހެއްގެ ސަބަބުންނެވެ.
މެޗުގެ 16 ވަނަ މިނެޓުގައި އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސް ކުރެވުނު ބޯޅައެއްގައި ލޮވްރެން ވަނީ ޗެލްސީ އެއްވެސް ޑިފެންޑަރަކަށް މާކު ނުކުރެވިފައެވެ. އޭނާ ވަނީ ފުރުސަތުގެ ބޭނުން ހިފައި ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މެޗުގެ ދެވަނަ ގޯލު 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ޗެލްސީގެ ޑިފެންސު ލައިނުން ސާފު ކުރަން ޖެހޭ ބޯޅައެއް ރަނގަޅަށް ސާފު ނުކުރެވި އޭރިޔާ ބޭރުން ޖޯޑަން ހެންޑަސަންއަށް ލިބުމުންނެވެ. ލިވަޕޫލް ކެޕްޓަން ފޮނުވާލި ބާރު ބޯޅަ ޗެލްސީގެ ކީޕަރު ތިބާޓް ކޯޓޮއީ އަށް މަތަ ކުރެވޭނެ ގޮތެއް ވަނީ ނުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު 2 ލަނޑުގެ ލީޑަކާއެކު ލިވަޕޫލް ނިންމުމުގެ ސަބަބުން ޗެލްސީއިން ދެވަނަ ހާފަށް ނިކުތީ އެޓޭކުގައި އަވަސް ބޯޅަ ޖަހައި އަވަހަށް ނަތީޖާ އަނބުރާލެވޭނެ ގޮތެއް ހޯދުމަށެވެ. ދެ ފަރާތުން އަވަސް ދެކުޅުންތެރިންނާއެކު ކުޅެން ނިކުތުމުގެ ނަތީޖާއަކަށް ވެފައިވަނީ މާގިނަ އިރުތަކެއް ނުވެ ގޯލެއް ކާމިޔާބުކޮށް މެޗުގެ ތެރެއަށް ވަދެވުމެވެ.
އެޑެން ހަޒާޑާއި ނިމަންޖާ މަޓިކްގެ މަސައްކަތުން 61 ވަނަ މިނެޓުގައި ޗެލްސީއަށް ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ މިސީޒަނުގެ ޓޮޕް ސްކޯރާ، ޑިއެގޯ ކޮސްޓާއެވެ. މިދިޔަ ސީޒަނުގައި 4 ގޯލު ކާމިޔާބުކުރެވުނު ކޮސްޓާ ވަނީ މިސީޒަނުގެ މިހާތަނަށްވެސް މިރޭގެ މެޗުގެ ގޯލާއެކު 5 ގޯލު ކާމިޔާބުކޮށްފައެވެ.
ކޮސްޓާގެ ގޯލަށް ފަހު ޗެލްސީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ނުހަނު މަސައްކަތް ކުރި ނަމަވެސް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ އޭނާގެ ޑިފެންސު އިތުރަށް ވަރުގަދަ ކޮށްފައެވެ. ފިލިޕް ކޫޓިނިއޯގެ ބަދަލުގައި ލޫކަސް ކުޅެން ނެރެ، ލިވަޕޫލް ވަނީ ޗެލްސީ އިން ކުރި ހުރިހާ އެޓޭކެއް ދިފާއުކޮށް ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް ވަނީ 10 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީ 12 ޕޮއިންޓާއެކު އޮތްއިރު ދެވަނަ، ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ތިން ޓީމުވެސް އޮތީ 10 ޕޮއިންޓާއެކުއެވެ. ނަމަވެސް ޗެލްސީއާއި ލިވަޕޫލްވަނީ ދެވަނައިގައި އޮތް އެވަޓަނާއި 5 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.