Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ފޭދޫން ހަޓެއް ރޫޅާލައި މަސްތުވާތަކެއްޗާއި ރާ ފުޅިތަކެއް އަތުލައިގެންފި

ފޭދޫން އިއްޔެ އަތުލައިގަތް ރާފުޅި ތަކެއް/ ފޮޓޯ: ޕޮލިސް

"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ދަށުން އިއްޔެ ފޭދޫގައި ގްރޫޕަކުން ހަދާފައިވާ ހަޓެއް ރޫޅާލައި އެ ސަރަހައްދުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކަކާއި ރާ ފުޅިތަކެއް ފުލުހުން އަތުލައިގެންފި އެވެ.

ފޭދޫގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެކު ކުރިއަށް ގެންދިޔަ މި ހާއްސަ އޮޕަރޭޝަނުގައި މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ކަށަވަރުކޮށް ނުދެ އެވެ.

ފުލުހުން ވަނީ އިއްޔެ ފޭދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތަކަށް ގެއްލުންދީ އެތަނުގެ ފާހާނާ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ޝަކުވާ ލިބިގެން އެތަން ވެސް ބަލާފައެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ނުލިބެ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ފެށި ހާއްސަ އޮޕަރޭޝަނުގައި އައްޑޫގެ ގުޅިފައިވާ ރަށްރަށުން 296 ތަނެއް ބަލައި ފާސްކޮށްފަ އެވެ. އަދި 511 މީހެއްގެ ހަށިގަނޑު ބަލައިފާސްކޮށް ނަސޭޙަތް ދީފައިވެ އެވެ. އަދި 702 އުޅަނދެއް އެއްގަމު ދަތުރު ފަތުރު ޤާނޫނާ އެއްގޮތަށް ހުރިތޯ ވެސް ބަލާފައިވެ އެވެ.

އެގޮތުން ޤާނޫނާއި ޚިލާފުވުމުގެ ސަބަބުން 13 ފަރާތެއް ލައިސަންސް ހިފަހައްޓަައި 14 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.