ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ދެއްވުމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ހަމަޖައްސަވައިފި އެވެ.
މީގެ ކުރިން މި އިނާމު ދެއްވަމުން ގެންދަވާފައި ވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ ބަރަކާތްތެރި ރަމަޟާން މަހާ ކަމަށްވާތީ، ޤައުމީ އިނާމާއި، ޚާއްޞަ އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ އޮންނާނީ، ރަމަޟާން މަހުގެ ފަހުން އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެ ޖަލްސާ ބާއްވަވާނެ ތާރީޚު، ފަހުން އިޢުލާނު ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޤައުމީ އިނާމާއި ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު ހުޅުއްވާލެއްވުމާ ބެހޭގޮތުން ކުރައްވަން ޖެހޭ ކަންތައްތައް، ޤައުމީ އިނާމާ ބެހޭ ކޮމިޓީންނާއި، ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.