Last Updated: June 28, 06:55
Sunday, June 28, 2026
ކުޅިވަރު

ސިޓީ މޮޅުވެ ތާވަލުގެ އެއްވަނަ އަށް

ގޯލަށް ފަހު ސިޓީ ކުޅުންތެރިން އުފާ ފާޅުކުރަނީ: ފޮޓޯ- މިރާ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ކުޅުނު ފަސްވަނަ މެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

އޭއެފްސީ ބޯންމައުތާއި ދެކޮޅަށް އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އަމިއްލަ ސަޕޯޓަރުން ކުރިމަތީ ސިޓީ ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 0-4 ގެ ނަތީޖާއިންނެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ކެވިން ޑިބްރުއޭނާއެވެ. ދިހަ މިނެޓު ފަހުން ލީޑު ފުޅާކޮށްފައިވަނީ ކެލެޗީ އިހަނާޗިއޯގެ ގޯލަކުންނެވެ. ސިޓީގެ ތިންވަނަ ގޯލު ދެވަނަ ހާފު ފެށިގެން ތިން މިނެޓު ތެރޭ ކާމިޔާބުކޮށްފައިވަނީ ރަހީމް ސްޓާލިންގެވެ. ފަހު ގޯލު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު މިރޭ ކުޅުނު ޑޯޓުމަންޑުން މިސީޒަނުގައި ގެނައި އިކޭ ގުންޑޯގަންއެވެ.

ގާޑިއޯލާ ސިޓީގެ މެނޭޖަރުކަމާއި ހަވާލުވިފަހުން މެޗަކުން ބަލިވެފައިނުވާއިރު އޭނާ ވެފައިވަނީ ސިޓީގެ ތާރީހުގައިވެސް އެންމެ ރަނގަޅު ފެށުމެއް ފެށި ކޯޗަށެވެ. 7 މެޗު މިހާތަނަށް އޭނާގެ އިރުޝާދާއެކު ސިޓީ ކުޅެފައިވާއިރު 7 މެޗުވެސް ސިޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެންމެ ފަހަކަށް ސިޓީ ކުޅުނު ދެ މެޗުގައި ޖުމުލަ 8 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް އެންމެ ގޯލެއްވެސް ވެދެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އާސެނަލްވަނީ 10 ކުޅުންތެރިންނާއެކު ކުޅުނު ހަލް ސިޓީ 1-4 އިން ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލު ސަންޗޭޒް ކާމިޔާބުކޮށްފައިވާއިރު 40 ވަނަ މިނެޓުގައި ހަލް ސިޓީގެ ލިވަމޯ ގަސްދުގައި ޕެނަލްޓީ އޭރިޔާތެރެއިން ބޯޅައިގައި އަތުން ޖެހުމުގެ ސަބަބުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައި އާސެނަލްއަށް ޕެނަލްޓީ ދީފައެވެ. ނަމަވެސް ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ސަންޗޭޒް ވަނީ ގެއްލުވާލާފައެވެ. އޭނާ ޖެހި ޕެނަލްޓީ ކީޕަރު ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

އާސެނަލްގެ ދެވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓުގައި ޖަހާފައިވަނީ ތިއޯ ވޮލްކޮޓެވެ. އޭނާގެ ގޯލަށްފަހު ހަލް އިން ވަނީ 79 ވަނަ މިނެޓުގައި ގޯލެއް ޖަހައި އާސެނަލްއަށް ޕްރެޝަރު އިތުރުކޮށްފައެވެ. ނަމަވެސް ހަތަރު މިނެޓު ފަހުން އެލެކްސިސް ސަންޗޭޒް ވަނީ އިތުރު ގޯލަކާއެކު ލީޑު ފުޅާކޮށްފައެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ފަހު ގޯލު ޖަހާފައިިވަނީ ޒަކާއެވެ.
hull-city-v-arsenal-premier-league
ޗެމްޕިއަން ލެސްޓާ ސިޓީ އަދި ބާންލީ ބައްދަލު ކުރި މެޗު ލެސްޓާ ވަނީ ފަސޭހަކަމާއެކު 0-3 އިން ކާމިޔާބުކޮށްފައެވެ. އިސްލާމް ސްލިމާނީގެ ދެގޯލު ފެނިގެން ދިޔަ މިމެޗުގައި ލެސްޓާގެ ފަހު ގޯލު ވަދެފައިވަނީ ބާންލީގެ ބެން މީ އަތުން ބައިކޮޅަށެވެ. ވެސްޓް ބްރޮމް އާއި ވެސްޓް ހޭމް ޔުނައިޓެޑު ބައްދަލު ކުރި މެޗު ވެސްޓް ބްރޮމް ކާމިޔާބުކޮށްފައިވަނީ 2-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހަތަރު ގޯލުވެސް ޖަހާފައިވަނީ ވެސްޓް ބްރޮމްއިންނެވެ. ވެސްޓް ހެމްއަށް ނަތީޖާ ކުޑަކުރެވިފައިވަނީ މެޗުގެ ބޮޑުބައި ކުޅެވުނު ފަހުންނެވެ.
leicester-city-v-burnley
މިރޭގެ މޮޅާއެކު އާސެނަލް ވަނީ ސިޓީގެ ފަހަތުން ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތިންވަނައިގައި އޮތް އެވަޓަން މިޑްލްސްބްރޮގް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އާސެނަލް ތިންވަނައަށް ވެއްޓޭނެއެވެ. 10 ޕޮއިންޓާއެކު އާސެނަލް ދެވަނައިގައި އޮތީ އެވަޓަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މާދަމާ މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޮޑް ކުޅޭ މެޗުން ޔުނައިޓެޑު މޮޅުވެއްޖެނަމަ އާސެނަލް ތިންވަނައަށް ވެއްޓޭނެއެވެ.