މިދިޔަ ބޮޑު އީދުގެ ބަންދުގެ ތެރޭގައި ގަމާއި ކޮލޮމްބޯ އާ ދެމެދު ބޭއްވި ދަތުރުތައް ވަރަށް ކާމިޔާބު ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
ގައުމީ އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނެޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ހާއްސަ ދުވަސްތަކުގައި އެފަދަ ދަތުރުތައް ބާއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގަމާއި ކޮލަމްބޯއާ ދޭތެރޭ އީދު ބަންދުގައި ތިން ދަތުރެއް ބޭއްވި ކަމަށެވެ. އެއީ މެއިންޓަނެންސް އަށް ކޮލަމްބޯ އަށް ދިޔަ އެއް ދަތުރުގެ އިތުރުން ޝެޑިއުލް ދެ ދަތުރެވެ.
މި ދަތުރުތައް ބޭއްވީ 200 މީހުންގެ ޖާގައިގެ އެއާބަސްގެ މަތިންދާބޯޓު އޭ 320ގަ އެވެ. ފުރަތަމަ ދަތުރު އޮތީ މި މަހުގެ 8 ގަ އެވެ. ދަތުރުތައް ނިންމާލީ އިއްޔެ އެވެ. މި ދަތުރުގެ ދެކޮޅު ޓިކެޓް ވިއްކީ 199 ޑޮލަރަށެވެ.
މޯލްޑިވިއަނުން މީގެ ކުރިން ވެސް ގަމާއި ކޮލަމްބޯ އާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ބޭއްވި އެވެ.
އެހެން ނަމަވެސް ގެއްލުންވާ ކަމަށް ބުނެ އެ ދަތުރުތައް ފަހުން ވަނީ ހުއްޓާލާފަ އެވެ.
ސްރީ ލަންކަން އެއާލައިންސުން ބުނެފައިވާ ގޮތުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ގަމާއި ކޮލޮމްބޯ އާ ދެމެދު އެ އެއާލައިނުން ދަތުރުތައް ފަށާނެ އެވެ.