Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު

މޮބައިލް އެޕް އުފައްދަން ޒުވާނުންނަށް ހުޅުވާލައިފި

މޮބައިލް އެޕްލިކޭޝަނާއި ސޮފްޓްވެއާ އުފެއްދުމުގެ މުބާރާތެއް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިފަދަ މުބާރާތެއް ބާއްވަން ނިންމީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.

އެގޮތުން މި މުބާރާތުގެ މަގުސަދަކީ އައިސީޓީ ދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމުގެ ގޮތުން މުޖުތަމައަށް ބޭނުނުންތެރި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއާ އުފެއްދުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މުބާރާތުގައި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއާ ބައިވެރި ކުރެވެނީ ޖުމްލަ ދާއިރާއަކުންނެވެ.

އެއީ ފަތުރުވެރިކަމުގެ ދާއިރާ، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން އޯޕަން ކެޓެގަރީންނެެވެ.

މި މުބާރާތުގައި ބައިވެރިކުރުމަށް އެދި ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ.

އަދި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުން، އެ ފަރާތްތަކުން ބައިވެރި ކުރާ ސޮފްޓްވެއާގެ ޕްރެޒެންޓޭޝަން ދިނުން އޮންނާނީ އަންނަ މަހުގެ 18 އަދި 19 ގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މުބާރާތުން އެއް ވަނަ، ދެވަނަ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް މި އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

އެގޮތުން އެ މީހުންނަށް އިންޑިއާ އަށް ދިއުމާއި އިންޑިއާގައި ހުރުމާއި އަދި އެނބުރި އައުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.