މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް ރިޔާސީ އިންތިހާބުގެ ކުރިން ހުކުމް އިއްވަން ޖެހޭނެ ކަަމަށް ހޯމް މިނިސްޓަރު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ރޭ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ހުކުމް އިއްވުމަކީ ޑރ. ޖަމީލުގެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް އިއްވާނެ ހުކުމެއް އެގިވަޑައިގަންނަވާނީ ގަދަ ކީރިތިވަންތަ ﷲ އަށް. އަޅުގަނޑުމެންނަށް އޮތީ ގަދަ އަޅާ މަސައްކަތް ކުރުން،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ އުމުރުގެ ގޮތުން އެ މަނިކުފާނާއި ރައީސް މައުމޫން ތަފާތު ވިޔަސް ސިޔާސީ ކަންކަމުގައި އުމުރު ހަމަހަމަ ވާނެ ކަމަށެވެ.
ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ޕީީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމިނަށް އޮޅުވާލައްވައިގެން ރައީސް މައުމޫން މިހާރު ކުރައްވަން އުޅުއްވާކަމަކީ އިލިޔާސް އިބްރާހިމާއި ޔާމީން ޖެއްސެވުމަށް ފަހު "ހަރާބްވީއޭ" ވިދާޅުވެ ރިޔާސީ ރޭހަށް ނިކުމެވަޑައިގެންނެވުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ވާދަކުރައްވައިފި ނަމަ މި ފަހަރު އެ އިންތިހާބު އަޅުގަނޑު ކާމިޔާބު ކުރާނީ ފުރަތަމަ ބުރުން،" ނަޝީދު ވިދާޅުވި އެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ މައުމޫނާއި ބައިވެރިވެގެން ޑރ. ވަހީދު "ބަޣާވާތްކޮށް" ވެރިކަން ވައްޓާލި ނަމަވެސް މަކަރާއި ހީލަތް ހަދާ ތަން ބަލަން ދުނިޔެ އަބަދު ނޯންނާނެ ކަމަށާއި އެމްޑީޕީން މަސައްކަތް ނިންމާނީ ކާމިޔާބު ހޯދާފައި ކަމަށެވެ.
"އަޅުގަނޑުމެން ނޫޅެން ތާއީދު ހޯދުނު ގޮތަކަށް ހޯދައިގެން އިންތިހާބު ކާމިޔާބު ކުރާކަށް. އަޅުގަނޑުމެން މިހާރު ވެސް ހިންގަމުން ގެންދާ ހަރަކާތްތަކުން އަޅުގަނޑުމެންނަށް ތާއީދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުން،" ނަޝީދު ވިދާޅުވިއެވެ.