ސީޒަނުގެ ފުރަތަމަ ތިން 4 މެޗު ކާމިޔާބުކޮށް އާ ސީޒަނަށް އެންމެ ބޮޑު އުއްމީދަކާއެކު ފެށި ޔުނައިޓެޑަށް މިހަފްތާގައި ކުޅުނު ތިންވަނަ މެޗުންވެސް ޕޮއިންޓެއް ނުލިބި ބަލިވެއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޮޑްއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗު ނިމިފައިވަނީ 1-3 ގެ ނަތީޖާއިން މިސީޒަނުގައި ވަޓްފޮޑްއަށް ހޯމްގައި ފުރަތަމަ ފަހަރަށް މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ޖަހާފައިވަނީ ޑިފެންޑަރު ކަޕޫއެވެ. ފުރަތަމަ ހާފު 0-1 ގެ ލީޑަކާއެކު ނިމި، ޔުނައިޓެޑު ވަނީ ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި މެޗު ޑޮމިނޭޓުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 62 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ މާކަސް ރަޝްފޮޑް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ.
މެޗުގެ ލީޑު ނެގުމަށް ބުރަ މަސައްކަތެއް ޔުނައިޓެޑު ކުޅުންތެރިން ކުރި ނަމަވެސް މެޗުގައި އިތުރު ގޯލެއް ޖެހިފައި ނުވެއެވެ. 84 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވަޓްފޮޑް އިން ކުޅެން ނިކުތް ޔުއަން ކަމީލޯ ޒުނިގާ ވަނީ ޔުނައިޓެޑު ކޮޅަށް ގޯލު ޖަހައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައި އިތުރު ޕްރެޝަރެއް ކުރިމަތިކުރުވާފައެވެ.
މެޗުން ޕޮއިންޓެއް ހޯދުމަށް ޔުނައިޓެޑު ކުޅުންތެރިން ކުރަމުންދިޔަ މަސައްކަތް ފަންފުލުން ގޮސްފައިވަނީ 90 މިނެޓު ހަމަވެފައިވަނިކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން ފެލައިނީ ކުރި ފައުލަކާ ގުޅިގެންނެވެ. ސްޕޮޓުން ބޯޅަ ގޯލަށް ފޮނުވާލާފައިވަނީ ވަޓްފޮޑް ކެޕްޓަން ޓްރޮއ ޑީނީއެވެ.
މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ވަނީ ރެފްރީންގެ ނިންމުންތަކަށް ފާޑު ކިޔާފައެވެ. "ބަލިވުމުން ކަންބޮޑުވޭ! ކޮންމެ ކޯޗެއްވެސް ބަލިވުމުން ކަންބޮޑުވާނެ! އެއީ އެންމެނަށް އެނގޭ ކަމެއް. އަހަންނަށް ކުރެވޭނެ ކަމަކީ އަހަރެންގެ ކުޅުންތެރިންނަށް އިރުޝާދުދީ ރަނގަޅު ކުރުވުން. ރެފްރީން ރަނގަޅު ކުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން!" ރެފްރީންގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކުރަމުން މޮރީނިއޯ ބުނެފައިވެއެވެ.
މެޗުގައި ޔުނައިޓެޑް ކެޕްޓަން ވޭން ރޫނީގެ ދަށް ކުޅުމަށް ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑިޔާގައި ފާޑު ކިޔާފައެވެ. ރޫނީގެ އިތުރުން ޕޮގްބާއަށް ފެލައިނީއަށް ވެސް މެޗުގައި ދެއްކި އާދައިގެ ކުޅުމުން ސަޕޯޓަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.