Last Updated: June 28, 06:55
Sunday, June 28, 2026
ކުޅިވަރު

އެސްޕަނިޔޯލް ބަލިކޮށް ރިއަލް އެއްވަނަ އަށް

ސްޕެނިޝް ލަލީގާ ގައި ޔޫރަޕުގެ ޗެމްޕިއަން ރިއަލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމަށް ރިއަލް ޖެހިލައިފިއެވެ.

މިމޮޅާއެކީ ރިއަލް ވަނީ ބާސާ އިން ގާއިމުކޮށްފައިވާ ލީގުގައި އެންމެ ގިނަ މެޗު ޖެހިޖެހިގެން މޮޅުވި ރެކޯޑާ ހަމަކޮށްފައެވެ. ރޭގެ މެޗުން ލިބުނު މޮޅާއެކީ ރިއަލް ވަނީ ލަލީގާގެ އެންމެ ފަހަކަށް ކުޅުނު 16 މެޗުވެސް ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި ސްޕޯޓިންގ ލިސްބަންއާއި ދެކޮޅަށް ކުޅެ އުނދަގޫ މޮޅަކަށްފަހު ކުޅުނު މިމެޗު ރިއަލް ވަނީ ޑޮމިނޭޓުކޮށްފައެވެ. ރޮނާލްޑޯ އަދި ބޭލްވެސް އަނިޔާގެ ސަބަބުން މިމެޗުގައި ކުޅެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޖަހާފައިވަނީ ހަމޭސް ރޮޑްރިގޭޒްއެވެ. ދެވަނަ ގޯލު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ކަރީމް ބެންޒީމާއެވެ.

މެޗުން މޮޅުވުމަށްފަހު ކޯޗު ޒިދާން ބުނެފައިވަނީ މުހިއްމު ދެކުޅުންތެރިންނާ ނުލާ ކުޅުނު އުނދަގޫ މެޗަކުން މޮޅުވުމުން އުފާ ކުރާ ކަމަށެވެ. އަދި އޭނާ ނިކުމެފައިވަނީ ބާސާގެ ރިކޯޑާ ހަމަ ކުރެވޭތޯ ބަލަން ނޫން ކަމަށާއި ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވާން ކަމަށާއި އެކަން ފުރިހަމަ ކުރެވުނީތީ އުފާ ކުރާކަމަށް ޒިދާން ބުނެފައިވެއެވެ.

އެއްވަނައިގައި ރިއަލް އޮތީ މިސީޒަނުގައި ކުޅުނު 4 މެޗުން މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކީގައެވެ. ބާސާ ވަނީ އެއް މެޗުން ބަލިވެ ލިބުނު 9 ޕޮއިންޓާ އެކީ ތާވަލުގެ ދެވަނައިގައެވެ.