ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބު ރައީސް އަލީ އުމަރު އާއި އެކު އެކްސްކޯ ގެ 4 މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަލީ އުމަރުގެ އިތުރުން ދެން އިސްތިއުފާ ދެއްވީ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި، ނިއުރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ އާއި، ޤައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހުމަދު ޝާކީބް އަދި ޓީސީ ސްޕޯޓްސްގެ މެނޭޖަރު މުހައްމަދު އީސައެވެ.
މި މެމްބަރުންތައް އިސްތިއުފާ ދެއްވުމުގެ ސަބަބުން އެފްއޭއެމްއިން ވަނީ އަލުން އިންތިޚާބެއް ބާއްވަން ޖެހިފައެވެ. އެއީ އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، އެކްސްކޯގެ 50 އިންސައްތަ މެމްބަރުން އިސްތިއުފާ ދީފިނަމަ، އަލުން އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
މެމްބަރުންތައް އިސްތިއުފާ ދެއްވާފައިވަނީ އެފްއޭއެމްގެ ބޮޑެތި ނިންމުންތައް އެކްސްކޯގެ ލަފައަކާ ނުލައި ނިންމަމުންދާތީކަމަށް އެފްއޭއެމްގެ ރައީސަށް ފޮނުވާފައިވާ ސިޓީތަކުގައި ވެއެވެ.