ސ. ހިތަދޫ ހުސްނޫގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރީ "އާމްދަނީ ހޯދުމުގެ ގޮތުން" ސިހުރު ހަދާކަމުގެ ތުހުމަތުގައިކަން "އައްޑޫލައިވް"އަށް އެނގިއްޖެއެވެ.
ރޭ 9:30 ހާ އިރުން ފެށިގެން 2 ގަޑިއިރު ވަންދެން ހުސްނޫގެ ފުލުހުން ބަލައި ފާސް ކޮށް އެގެއިން ފޮށިގަނޑެއްގެ ސާމާން ވަނީ ގެންގޮސްފައެވެ.
ފުލުހުން ހުސްނޫގެ ބެލުމަށް ހޯދި ކޯޓު އަމުރުގައި ވަނީ "ސ. ހިތަދޫ، ނޫރުވާދީ، މުހައްމަދު ވަޖުދީ، އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި އާމްދަނީ ހޯދުމުގެ ގޮތުން ސިހުރު ހާހޫރަ ހަދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅުން ހުރި ހެކި ގަރީނާ ހޯދުމަށާއި، އަދި ގާނޫނާއި ގަވާއިދާއި ހިލާފް އެއްވެސް އެއްޗެއް ހުރިތޯ ބެލުން ކަމަށެވެ."
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ހުސްނޫގެ ބަލައި ފާސް ކުރީ "ވަކި ހާއްސަ" ކަމެއް އޮވެގެން ނޫންކަމަށެވެ.
ސ. ހިތަދޫ، ނޫރުވާދީ، މުހައްމަދު ވަޖުދީ، ސިހުރު ހާހޫރަ ހަދާކަމުގެ ތުހުމަތުގައި ބަލައި ފާސްކޮށްފައިވާ ހުސްނޫގެއަކީ މުހައްމަދު ވަޖުދީގެ އަވައްޓެރިއެއްގެ ގެއެވެ.
ހުސްނޫގޭގެ މީހަކު ރޭ "އައްޑޫލައިވް"އަށް ބުނީ، ފުލުހުން ގެންދިޔަ ފޮށިގަނޑުގެ ތެރޭގައި ހުރީ، ފިގްހު ފޮތްތަކަކާއި، ބޭސްވެރިކަމާއި ގުޅުން ހުރި ފޮތްތަކެއް ކަމަށެވެ. އަދި ފުލުހުން ކޮށްފައިވާ ތުހުމަތު އެގޭގެ މީހުން ދޮގު ކުރެއެވެ.
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި 2013 ވަނަ އަހަރުވެސް ހިތަދޫ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް އެމީހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ވަނީ ފުލުހުން ގެންގޮސްފައެވެ.