ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ އެތެރޭގެ މައްސަލަތަކާ ހެދި ދިވެހި ފުޓުބޯޅަ ކުރި ނާރާނެ ކަމަށް ގައުމީ ކެޕްޓަން، އަލީ އަޝްފާގް(ދަގަނޑޭ) ވިދާޅުވެއްޖެ އެވެ.
ދަގަނޑޭ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެފްއޭއެމްގެ އެކްސޯގެ 5 މެމްބަރަކު އިއްޔެ އެއްކޮޅަކާ އިސްތިއުފާ ދިނުމުގެ ސަބަބުންނެވެ. އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން އެކްސޯގައި ހިމެނޭ މެމްބަރުންގެ ތެރެއިން %50 މެމްބަރުން އިސްތިއުފާ ދީފިނަމަ އިންތިޚާބު އަލުން ބާއްވަން ޖެހޭނެއެވެ.
ދަގަނޑޭ އޭނާގެ އޮފިޝަލް ސޯޝަލް މީޑިޔާގައި މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ އެފްއޭއެމް އަކީ އަބަދު އިންތިޚާބު ބާއްވާ އިދާރާއަކަށް ވެއްޖެނަމަ ރާއްޖޭގެ ފުޓުބޯޅައަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
If @MaldivesFA is an organization which is always having to conduct elections, then football won't see progress
— Ali Ashfaq (@AliAshfaq07) September 19, 2016
އެކްސޯ އިން އިސްތިއުފާ ދެއްވި މެމްބަރުންގެ ތެރޭގައި ހިމެނެނީ ނައިބު ރައީސް އަލީ އުމަރާއި، އައްސަދު އަބްދުލް ޣަނީ، އަހުމަދު ޝަކީބު، އައިޝަތު ނާޒިމާގެ އިތުރުން އަހުމަދު އީސައެވެ.
މި ފަސް މެމްބަރުން އިސްތިއުފާ ދިނުމުގެ ވަނީ އެފްއޭއެމް ގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލުވެސް މަގާމުން ދުރުކޮށްފައެވެ. ބައްސާމް ގެ ވަކިކުރުމާއި އިތުރު ގިނަ ގޮންޖެހުންތައް ކުރިމަތިވެ އިސްތިއުފާ ދިނީ މަސައްކަތް ކުރުމަށް ފުރުސަތެއް ނެތި، އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމަށް ނައިބު ރައީސް އަލީ އުމަރު އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.
އަލީ އުމަރު ބުނެފައިވަނީ އެކްސޯގައި އެމީހުންގެ ބަހެއް ނުހިނގާ ކަމަށާއި އެފްއޭއެމް އަކީ މުޅިންވެސް އެހެން ބައެއްގެ ނުފޫޒުން މަސައްކަތް ކުރާ އިދާރާއެއް ކަމަށް ބުނެފައެވެ. އަދި އެންމެ ފަހަކަށް ބޭއްވި ބައްދަލުވުމަށް އޭނާއަށް ދައުވަތުވެސް އަރުވާފައި ނުވާކަމާށާއި އެފްއޭއެމް އީމެއިލް އެޑްރެސްވެސް ވަނީ ބަންދުކޮށް މަސައްކަތް ނުކުރެވޭ ހާލަތަށް ގެންގޮސްފައިކަމަށް އަލީ އުމަރު ބުނެފައިވެއެވެ.