ސ. ހުޅުމީދޫގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ކޯސްތައް ރަސްމީކޮށް އަންނަ މެއި މަހު ފަށާނެ ކަމަށް އެ އިންސްޓިޓިއުޓްގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އެޓާނީ ޖެނެރަލް ސުއޫދު ވިދާޅުވީ އެތަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަސްމީކޮށް ލޯ ކޮލެޖްގެ ކޯސްތައް މެއި މަހު ފެށި ނަމަވެސް މާޗް މަހުގެ ތެރޭގައި ކުރު ކޯސްތަކެއް ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަހު "ޕްރޮފެޝަނަލް ސެޓްފިކެެޓް އިން ކްރައިމް އިންވިސްޓިގޭޝަން" ގެ ކުރު ކޯހެެއް ފެށޭނެ ކަމަށެވެ.
ސުއޫދު ވިދާޅުވީ ކޯސްތައް ކުރިއަށް ދާނީ ހުޅުމީދޫގައި އެސްޓީއޯ އިން ހަދާފައިވާ ހަތަރު ބުރީގެ އިމާރާތުގައި ކަމަށެެވެ. އެގޮތުން އެ އިމާރާތުގެ މަތީ ދެ ބުރި ކޯސްތައް ހިންގުމަށް އެސްޓީއޯ އިން ދީފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު އިތުރަށް ވިދާޅުވީ ހުޅުމީދޫގައި ކޯސްތައް ހިންގި ނަމަވެސް އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މުޅި ރާއްޖެ އަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.