Last Updated: July 3, 11:07
Friday, July 3, 2026
ވިޔަފާރި

އުރީދޫން އައިފޯން 7 ބުރާސްފަތީގައި ވިއްކަން ފަށަނީ

އެޕަލް އައިފޯން 7 އަދި އައިފޯން 7 ޕްލަސް، އުރީދޫ މޯލްޑިވްސް އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ވިއްކަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން އެކުންފުނީގެ ކަސްޓަމަރުންނަށް އައިފޯން 7 އަދި 7 ޕްލަސް ގަންނަން ލިބޭނެ ކަމަށެވެ.

އުރީދޫން އައިފޯން 7 ވިއްކަނީ 32 ޖީބީގެ ފޯން 13،899ރ. އަށް، 128 ޖީބީގެ ފޯން 15،899ރ. އަށް އަދި 256 ޖީބީގެ ފޯން 17،899ރ. އަށެވެ. ޕްލަސްގެ 32 ޖީބީގެ ފޯން 16،399ރ. އަށް ވިއްކާ އިރު، 128 ޖީބީގެ ފޯން 18،399ރ. އަށް އަދި 256 ޖީބީގެ ފޯން 20،499ރ. އަށް ވިއްކަން ވަނީ ނިންމާފަ އެވެ.

އުރީދޫން ބުނީ ދެ ގޮތަކަށް އައިފޯން 7 ގަނެވޭ ގޮތަށް ހަމަޖައްސާފައިވާ ކަަމަށެވެ. އެގޮތުން، ފޯންގެ އަގު އެއް ފަހަރާ ދެއްކުމުގެ އިތުރަށް، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ވެސް އައިފޯން 7 ގަނެވޭނެ އެވެ.

14317545_10154074502666939_7906660300055102030_n

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯން ނެގޭ އިރު، 2،999ރ.ގެ ޑިޕޮސިޓެއް ދައްކަން ޖެހެ އެވެ.
އޭރުން ކޮންމެ މަހަކު ދައްކަން ޖެހެނީ އެކި މޮޑްލްތަކަށް އެކި ވަރެވެ.

އެގޮތުން، އައިފޯން 7 ގެ 32 ޖީބީގެ ފޯނަށް މަހަކު 899ރ. 128 ޖީބީގެ ފޯނަށް މަހަކު 1،099ރ. އަދި 256 ޖީބީގެ ފޯނަށް 1،249ރ. ދެއްކޭނެ އެވެ. ޕްލަސްގެ ފޯން އިންސްޓޯލްމަންޓަށް ނެގެނީ 32 ޖީބީ އަށް މަހަކު 1،099ރ.، 128 ޖީބީ އަށް މަހަކު 1،299ރ. އަދި 256 ޖީބީ އަށް މަހަކު 1،449ރ. ދައްކާ ގޮތަށެވެ.

އެއްކޮށް ފައިސާ ދައްކައިގެން އައިފޯން 7 ގަންނަ ފަރާތްތަކަށް 12 ޖީބީގެ ޑޭޓާ އާއި އުރީދޫގެ ނަމްބަރުތަކަށް ގުޅުމަށް 1200 މިނިޓް އުރީދޫން ހިލޭ ދެ އެވެ.

އަހަރަކަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ފޯން ނަގައިފި ނަމަ އެ އަހަރުގެ ތެރޭގައި 36 ޖީބީގެ ޑޭޓާ ހިލޭ ދޭ ގޮތަށް ވެސް އުރީދޫން ހަމަޖައްސާފައިވެ އެވެ.