Last Updated: May 7, 13:34
Tuesday, May 7, 2024
ޚަބަރު

އައްޑު އަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނާއި އައްޑޫ ސިޓީގައި ހަރާކްތެރިވާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުން ގުޅިގެން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފިއެވެ.

ފުލުހުން ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ހިންގި އެއް އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮަޕަރޭޝަނުގައި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެރޭ 00:30 ހާއިރުއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ގަމީހުގެ ޖީބުންނާއި އެވަގުތު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 46 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި އޮޕަރޭޝަނުގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުވެސް އޮަޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައިފާސްކޮށްފައިވާއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ. މި ދެ މައްސަލަވެސް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.