ބެޓްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ 2 ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ދެވަނަ ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ޕޮލިސް ކުލަބުގެ ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު މެންދުރުފަހު އިސްކަންދަރު ކޮށި 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ޕޮލިސް ކުލަބުގެ ވަގުތީ ހިންގާ ކޮމިޓީގެ ޗެއަރމަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަދީމް އާއި ވަގުތީ ހިންގާ ކޮމިޓީގެ މެމްބަރު އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ޙަސަންއެވެ.
މި ރަސްމިއްޔާތުގައި ކުޅުންތެރިންނާއި މުޙާތަބު ކުރައްވައި ޕޮލިސް ކުލަބުގެ ވަގުތީ ހިންގާ ކޮމިޓީގެ ޗެއަރމަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަދީމް ދެއްކެވި ވާހަކައިގައި ވަނީ ހުރިހާ ކުޅުންތެރިންވެސް މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި މުބާރާތް ކާމިޔާބުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މުބާރާތް އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަަލަށް ކުރިއަށްދާނެއެވެ.